01 Dec 2012, 18:30
މި މަހުގެ ދޭކުން ނުވަޔަކަށް ސްރީލަންކާގެ ނާވަލަޕިޓިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމެންޓުގައި ބައިވެރިވާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތުގައި ބައިވެރިވުމަށް މިއަދު ލަންކާއަށް ފުރައިފި އެވެ.
ލަންކާއަށް ފުރުމުގެ ކުރިން ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ގައުމީ ޓީމުގެ މެނޭޖަރު ސަލްސާ އިބްރާހީމް އާމިރު ވިދާޅުވީ މި މުބާރާތަކީ ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް ފައިދާ ކުރާނެ މުހިއްމު މުބާރާތަކަށް ވާނެ ކަމަށެވެ.
"މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިއްމު އަދި ފައިދާ ކުރާނެ މުބާރާތެއް. މި މުބާރާތުގައި އަޅުގަނޑުމެން ކުޅުންތެރިން ހިމަނާފައި ވާނީ، މިވަގުތަށް އަޅުގަނޑުމެންނަށް ޓީމުގައި ހިމެނެން ތިބި ފާހަގަ ކޮށްލެވޭ އެންމެ ރަނގަޅު ކުޅުންތެރިން" އާމިރު ވިދާޅުވިއެވެ.
އަދި މިފަހަރު ނެގި ޓީމާ އެކު މުބާރާތުގެ ތަށި ކާމިޔާބު ކުރެވޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތްކަމަށް ވެސް މެނޭޖަރު ވިދާޅުވިއެވެ.
"މިފަހަރު ހޮވާލެވިފައި މިވަނީ ވަރަށް ރަނގަޅު ސްކޮޑެއް. އަޅުގަނޑަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް މި ޓީމަށް ﷲގެ އިރާދަފުޅާއެކު މުބާރާތުގެ ތަށި ކާމިޔާބު ކުރެވިދާނެކަމަށް" އާމިރު އިތުރަށް ވިދާޅުވިއެވެ.
މިފަހަރު ހޮވާލެވިފައިވާ 23 އަހަރުން ދަށުގެ ޓީމާ ބެހޭގޮތުން ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނީ މި މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް އިތުރު ތަޖްރިބާތަކެއް ލިބޭނެ އަދި ޓީމަށް ރަނގަޅު ފައިދާތަކެއް ކުރާނޭ މުބާރާތަކަށް ވާނެ ކަމުގަ އެވެ. އަދި ކުޅުންތެރިން ހިތްވަރާއެކު ގުޅިގެން މަސައްކަތް ކޮއްފިނަމަ، މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހާސިލް ކުރެވޭނޭ ކަމަށް އުންމީދު ކުރާކަމަށެވެ.
މުބާރާތުގެ މެޗް ޝެޑިއުލް އަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ބަދަލު ތަކެއް ގެނެސްފަ އެވެ. މިގޮތުން މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަ މެޗު މުބާރާތް ބާއްވާ ސްރީލަންކާގެ ޓީމާ ދެކޮޅަށް ކުޅެން މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އަދި ދެވަނަ މެޗުގައި ޕާކިސްތާނުގެ ޓީމާ ބައްދަލު ކުރާނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މި ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ކުޅޭނީ ބަންގުލާދޭޝް އާއި ދެކޮޅަށެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށް އޮންނަ މި މުބާރާތުގެ ފައިނަލަށް ދާނީ ރައުންޑު ނިމޭ އިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހަންމަދު ހުސައިން ޝަރީފު (މުންދު) ވެސް މިއަދު ވަނީ ލަންކާއަށް ފުރާ ވަޑައިގެންފައެވެ. މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ރޭވުނީ ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރާއި ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރާ ދެބޭފުޅުންގެ ހިޔާލު ފުޅަށެވެ.