01 Dec 2012, 15:00
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ޖުމްލަ 1.2 ބިލިއަން ރުފިޔާ ކަނޑައަޅައި އެ މުއައްސަސާތައް ހިންގުމަށް 15 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ބަޖެޓްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓްގައި 18 މިނިވަން މުއައްސަސާއަކަށް ފައިސާ ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެންމެ ގިނަ ފައިސާ ކަނޑައަޅާފައި ވަނީ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނަށެވެ. އެ މުއައްސަސާއަށް 391.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ދެން އެންމެ ގިނަ ފައިސާ ކަނޑައަޅާފައި ވަނީ ކަސްޓަމްސް އަށެވެ. އެ މުއައްސަސާ އަށް 200.3 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރަށް ވުރެ މިނިވަން މުއައްސަސާތަކުގެ ބަޖެޓް އޯވަރޯލްކޮށް ވަނީ 20 ޕަސެންޓް ބޮޑުވެފަ އެވެ. ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ މިނިވަން މުއައްސަސާތަކަށްދޭ ބަޖެޓް ކުޑަވުމެވެ. މިއަހަރު އެންމެ ފުރަތަމަ ބޭއްވި ބަޖެޓް ކޮމެޓީ ބައްދަލުވުމުގައި ވެސް މަޖިލީހުގެ މެންބަރުން ވިދާޅުވީ އެންމެ ފުރަތަމަ ވެސް މިނިވަން މުއައްސަސާތައް ގެނެސް އެ ފަރާތްތަކަށް ދީފައި އޮންނަ ބަޖެޓް ރިވައިސް ކުރަން ޖެހޭ ކަމަށެވެ.
މިއަހަރަށް ކަނޑައެޅި ޕީއެސްއައިޕީ ޕްރޮގްރާމްތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކަށް 15 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް އެއް މިލިއަން ރުފިޔާ ވަނީ އަންނަ އަހަރަށް ބަޖެޓް ކޮށްފަ އެވެ. އެ މަސައްކަތް ނިމޭއިރު ޖުމްލަ 354 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އެ އިމާރާތުގެ ސަބަބުން މާލޭގެ ޕާކިންއަށް ހައްލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި މިނިވަން މުއައްސަސާތަކުން އިމާރާތްތައް ކުއްޔަށް ހިފައިން ކުރަން ޖެހޭ ހަރަދަށް ލުއިތަކެއް އަންނާނެ ކަމަށެވެ. އަދި ބަޖެޓް ފާސްވުމާ އެކުހެން އެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.