01 Dec 2012, 14:49
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކުން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ 3.9 މިލިން ރުފިޔާ އާއި މުއްދަތަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އާ އެކު ޖުމްލަ 4.8 މިލިއަން ރުފިޔާ ނުދައްކައި އޮތް މަައްސަލައެއް ފެންމަތިވެއްޖެ އެވެ.
އަދި އެ މައްސަލަ އެސްޓީއޯ އިން ވަނީ މިދިޔަ މަހު 18 ވަނަ ދުވަހު ސިވިލް ކޯޓަށް ވައްދާފަ އެވެ.
ދައުވާ ފޯމްގައިވާ ގޮތުން އަލްހާންގެ 50 ޕަސެންޓް ހިއްސާ އޮންނަ ސިލްވާލޭން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި އެސްޓީއޯއާ ދެމެދު ނޮވެމްބަރު 27، 2010ގައި ކްރެޑިޓަށް މުދާ ދޫކުރުމަށްކޮށްފައިވާ އެއްބަސް ވުމަށް ގެނައި ދެ އިސްލާހުގެ ދަށުން އެ ކުންފުނިން އެސްޓީއޯ އިން ނަގާފައިވާ މުދަލުގެ އަގަށް ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ދައްކާފައި ނުވާ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.
އެ ފައިސާ ދެއްކުމަށް އެތައް ފަހަރެއްގެ މަތިން އަންގައިގެން ވެސް ފައިސާ ދައްކާފައި ނުވާތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 837،722.33ރ.އާ އެކު އަރާފައިވާ 4.82 މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށް ދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ. އަދި ކޯޓުން ކަނޑައަޅާ ގޮތަށް އެ ކުންފުނިން ފައިސާ ނުދައްކައިފި ނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މޯގޭޖްގެ ގޮތުގައި ބަހައްޓާފައިވާ މާލޭ ދަފްތަރު 6852 މުހައްމަދު ހަމްދާންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކާއި ލޯންޗެއް ޝަރީއަތް މެދުވެރިކޮށް ވިއްކާލައި މުދަލުގެ އަގުން 4.82 މިލިއަން ރުފިޔާ ހަމަނުވެ އޮތް ނަމަ އެ އެއްޗެއް ހޯދައި ދިނުމަށް ވެސް ދައުވާގައި އެސްޓީއޯ އިން އެދިފައިވެ އެވެ.
".... ސިލްވާލޭން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެސްޓީއޯ ޕލކ އިން 27 ނޮވެމްބަރު 2010ގެ އެއްބަސްވުމުގެ ދަށުން ނަގާފައިވާ މުދަލުގެ އަގަށް ދައްކަންޖެހޭ 3،990،089.60ރ. އާއި އެއްބަސްވުމުގެ 9.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން 11 ނޮވެމްބަރު 2012ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 837،722.33ރ. އާއި އެކު ޖުމްލަ 4،827،811.93ރ. އަކީ ސިލްވާލޭން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް އިން އެސްޓީއޯ ޕލކ އަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޝަރީއަތުން ކަނޑައަޅުއްވައި ދެެއްވައި، މި ފައިސާ އެއްފަހަރާ ދެއްކުމަށް ސިލްވާލޭން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ދެއްވައި އަދި ޝަރީއަތުން މިފައިސާ ދެއްކުމަށް ކަނޑައެޅުއްވި ގޮތުގެ މަތިން ފައިސާ ނުދައްކައިފި ނަމަ އެއްބަސްވުމުގެ 4.2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓު މެދުވެރިކޮށް ނީލަމުގައި މޯގޭޖް ވިއްކާލައްވައި، ނުލިބިވާ ފައިސާ ހޯއްދަވައި ދެއްވުމަށް ހުކުމް ކޮށްދެއްވައި މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ،" ދައުވާ ފޯމްގައިވެ އެވެ.
އެ މައްސަލާއާ ގުޅޭ ގޮތުން އަލްހާންއާ ގުޅުމުން އޭނާ މިއަދު ވިދާޅުވީ އެކަމާ ގުޅިގެން އެސްޓީއޯ އިން އޭނާ އަށް ވަކިއެއްޗެއް އަންގާފައި ނުވާ ކަމަށާއި އެކަހަލަ ދަރަންޏެއް އޮތް ކަމަށް އެނގިވަޑައިނުގަންނާވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަކީ ވިޔަފާރި މެނޭޖް ކުރާ މީހެއް ނޫން ކަމަށާއި ވިޔަފާރި މެނޭޖް ކުރާނީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިލްވާލޭން ކުންފުނީގައި އޭނާގެ 50 ހިއްސާ އޮންނާނެ ކަމަށެވެ.
"ސިލްވާލޭން ކިޔާ ކުންފުންޏެއްގައި އަޅުގަނޑުގެ 50 ހިއްސާ އޮންނާނެ." އަލްހާން ވިދާޅުވި އެވެ.