ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެ މަޖިލީހުގެ މެމްބަރުންނަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ދެއްވި އިންޒާރަކީ އިމްތިޔާޒު މައްސަލައެއް ކަމަށާއި އެމައްސަލާގައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމަށް ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ މައުސޫމް ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ވޯޓްލާ ގޮތަކާ މެދު ހިތްހަމަނުޖެހިގެން މެންބަރަކަށް އިންޒާރުދިނުމަށް ވާހަކަ ދެއްކުމަކީ އިމްތިޔާޒުގެ މައްސަލައެއް ކަމަށާއި އެ މައްސަލަ ބެލުމަށް އެމްޑީޕީީގެ ޕާލިމަންްޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމަވާފައިވާ ނިންމެވުމަށް ޑީއާރުޕީ ޕާލިމަންޓްރީ ގްރޫޕްގެ ތާއީދު ހޯއްދެވުމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

"މަޖިލީހުގެ މެމްބަރުން ވޯޓް ލުމުގެ ހައްގަށް ނުފޫޒު ފޯރުވުމުގެ ގޮޮތުން އިންޒާރުދީ ވާހަކަދެއްކުމަކީ ޑިމޮކްރެޓިކް ހަމަތަކާ ވެސް ހިލާފުކަމެއް. އިސްލާމް ދީނުގައި ވެސް އޮންނަ ކަމެއް ނޫން ބިރު ދެއްކުމަކީ. އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އިމްތިޔާޒުގެ މައްސަލައެއް، އެ މައްސަލަ ބެލެންޖެހޭނެ، އެކަމަށް ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ތާއީދު ހޯދުމަށް މަސައްކަތް ކުރާނަން،" މައުސޫމް ވިދާޅުވި އެވެ.

އެ މައްސަލައިގައި އިބޫ ވިދާޅުވީ އެ ވާހަކަތައް މީޑިއާގެ ޒަރިއްޔާ އިން އަޑު އިވިގެން އެމަ އްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ އެކަމާ އެމްޑީޕީގެ ޕާލިމަންޓްރީން ގްރޫޕުން މަޝްވަރާކުރުމަށް ފަހު، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި އެހެން ޕާޓީތަކުގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ މައްސަލައަކީ މެމްބަރުންގެ އިމްތިޔާޒުގެ ހައްގަށް އަރައިގަތުން ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި މަޖިލީހުގެ އިމްތިޔާޒާ ބެހޭ މައްސަލައެއް އެއީ، އެކަމުގައި އެހެން މެމްބަރުންނާ ވެސް ވާހަކަދައްކަމުން މިގެންދަނީ. މަޖިލީހުގެ އެ މެންބަރަކު ބޭނުންވާ ގޮތަކަށް ވޯޓް ދިނުމުގެ ހައްގެ އެ މެމްބަރަކަށް އެބަ އޮވޭ. އެހެން ކަމުގައިވާ އިރު މެންބަރަކު ވޯޓްދޭ ގޮތަކާ މެދު އިންޒާރުދީ، ފަހަތުން ދުވާނަމޭ ކިޔައި ވާހަކަ ދެއްކުމަކީ ދެެރަ މައްސަލައެއް،" އިބޫ ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުއާ ހަވާލުކުރުމަށް ހަދާފައިވާ އެގްރިމަންްޓް ބާތިލުކުރުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް "ރައްޔިތުންގެ ގައުމީ ހަރަކާތުން" އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިހް އިމްރާން މަޖިލީހުގެ ރައީސްއަށާއި މެމްބަރުންނަށް އިންޒާރު ދެއްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖީއެމްއާރުން ފައިސާ ދީގެން އެކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭނެ ކަމަށް ޝައިހް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި އެހެން ނަހައްދަވައިފި ނަމަ އެ ވޯޓު ނަގާ ދުވަހަކީ ޝާހިދުގެ ފަހަތުން ދުވާނެ ދުވަސް ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރަން ވޯޓުދޭ ކޮންމެ މެންބަރަކީ ގައުމުގެ ޚާއިނުންގެ ގޮތުގައި ބަލައި އެ މީހުންގެ ފަހަތުން ދުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވައިފަ އެވެ.