01 Dec 2012, 12:54
ދައުލަތުގެ މިނިވަން މުއައްސަސާ ތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރީއްޔާގެ ނައިބް އަދި ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ނަގާ ވޯޓު ސިއްރު ކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 167 މާއްދާއަށް ގެންނަން ފެންނަ ކަމަށް މާފަންދު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހެޅުއްވި އިސްލާހުގައި ބުނަނީ މަޖިލީހުގެ ތަޅުމުގައި އާއި ކޮމެޓީތަކުގައި ރައީސް އާއި ނައިބު ރައީސް އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން މަގާމުން ދުރުކުރުމަށް ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ނަގަންވާނީ ސިއްރުކޮށްގެން ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މާހައުލު އޮތްގޮތުން މެންބަރުން ވޯޓުދެއްވުމުގައި މިނިވަންކަމާއި ރައްކާތެރި ކަމާއި އެކު ވޯޓުދިނުމަށް އެކަށީގެންވާ މާހައުލެއް މެންބަރުންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ.
އެ މައްސަލަ މީގެ ކުރިން މަޖިލީހަށް ވެއްދީ އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒެވެ. އެ އިސްލާހު މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ އިސްލާހަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ. ވޯޓު ސިއްރުކުރުމަށް އެމްޑީޕީން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީން މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ.
އެންމެ ފަހުން މި މައްސަލާގައި ނެގި ވޯޓު ސިއްރު ކުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރުމަށް ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެންބަރަކު ވޯޓް ދެއްވައިފައިވެ އެވެ. ވޯޓު ސިއްރުކުރުމާ ދެކޮޅަށް އެ ދުވަހު 39 މެންބަރުން ވޯޓުދެއްވި އެވެ. ފެންނަކަމަށް 34 މެންބަރުން ވޯޓުދެއްވި އެވެ.