ކުރީގެ ބާ އިންޖީނުގޭ މަގުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ދުއްވާފައި ދިޔަ ކާރަކުން ޖެހި އެމަގުގައި ހުރި ސައިކަލްތަކަށް ގެއްލުންވި މައްސަލައާ ގުޅިގެން ފުލުހުން އެމީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ގާތްގަނޑަށް 3:45 އެހާކަންހާއިރު ހިނގި އެހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށާއި ޓްރެފިކް ފުލުހުން އެމީހާ ހައްޔަރުކުރީ އެ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ކާރުން ޖެއްސުމަށްފަހު މަޑުނުކޮށް ދިއުމުން ކަމަށެވެ.

އެއެކްސިޑެންޓްވި ކާރަކީ ޕްރައިވެޓް ކާރެއް ކަމެއް ނުވަތަ ނޫން ކަމަށް ވެސް ފުލުހުން ނުބުނެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ޓުވިޓާ އެކައުންޓްގައި އެ އެކްސިޑެންޓާ ގުޅިގެން ވިދާޅުވެފައިފައިވަނީ ހައްޔަރުކުރި އެމީހާ ހުރީ ބަނގުރާ ބޮއިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެމީހާ ދުއްވި ކާރުން ޖެހި އެސަރަހައްދުގައި ހުރި 12 ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ޕެޓްރޯލް ޝެޑް ކައިރީން އިރާކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް އުމުރުން 37 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އެމީހާ މާލެ ގެނެސް ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ވަނީ ފަރުވާދޭން ފަށައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި މީހާ ހާލު ސީރިއަސް ކަމަށާއި އެމީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެއެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ސްޕީޑް ބްރޭކަރު މަތިން ކަހާލައިގެން ގޮސް އެމީހާ ސައިކަލުން ވެއްޓިގެން ކަމަށެވެ. އެ ހާދިސާގައި އޭނާގެ ބޯފަޅައިގެން ގޮސް ނޭފަތާއި އަނގައިން ލޭ އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.