މި މަހުގެ ދޭކުން އަށަކަށް ސްރީލަންކާގެ ނާވަލަޕިޓިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމެންޓުގައި ބައިވެރިވާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަ ކޮށްފި އެވެ.

މިފަހަރުގެ 23 އަހަރުން ދަށުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ: މުހައްމަދު ސަރުހާން (ގޯލް ކީޕަރު)، ޖަޒްލާން މުހައްމަދު (ގޯލް ކީޕަރު)، އަމްދާން އަލީ، ހަސަން ޝިފާޒް، ހުސައިން އާތިފް، މުހައްމަދު ސާދިން އަބްދުލް ހަންނާން، މުހައްމަދު ތޯރިގު، މޫސާ ޔާމީން، މުއާން މޫސާ މަނިކު، މުހައްމަދު ސަމްދޫހު، އަހްމަދު ޒިއާން މުހައްމަދު، އަހްމަދު އިމާޒު، ހަމްދާން އިބްރާހީމް، ރިލްވާން ވަހީދު (ވައިސް ކެޕްޓަން)، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ (ވައިސް ކެޕްޓަން)، ހަސަން އަދުހަމް (ކެޕްޓަން)، އަބްދުﷲ މުއާޒު، އަހްމަދު ނުޢުމާން އަދި ނާވީ މުހައްމަދު އެވެ.

ޓީމުގެ އޮފިޝަލުންގެ ތެރޭގައި ހިމެނެނީ މެނޭޖަރު ސަލްސާ އިބްރާހިމް އާމިރު އާއި ހެޑް ކޯޗް ހަންގޭރީގެ އިންތަވާން އުރުބާނީގެ އިތުރުން އެސިސްޓެންޓު ކޯޗު އަލީ ނާޝިދު އާއި ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއް ރަހީމް އާއި ޓީމް އެޑްމިނިސްޓްރޭޓަރު މުހައްމަދު ނާސިރު (ނާބެ) އާއި ޓީމުގެ ޑޮކްޓަރު އަހްމަދު ޝަބު އާއި ކިޓްމޭން ހަސަން ނިޒާރު އަހްމަދު އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަ މެޗުގައި މާދަމާ ނުކުންނާނީ މުބާރާތް ބާއްވާ ސްރީލަންކާގެ ޓީމާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހު ހަތަރެއްގައި ނުކުންނާނީ ޕާކިސްތާނުގެ ޓީމާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހުގެ ހަވަނަ ދުވަހު ކުޅޭނީ ބަންގުލާދޭޝް އާއި ދެކޮޅަށެވެ.

މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ލަންކާގެ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ސްރީލަންކާގެ ފުޓްބޯލް ފެޑެރޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަ އެވެ.

މުބާރާތުގައި ބަވެރި ވުމަށް މި ޓީމު ސްރީލަންކާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު ދޭއްޖަހާ އިރު މާލޭ އެއްނަންބަރު ފާލަމުން ނެވެ.