ވޯލްޑް ޓްރެވަލް އެވޯޑްސްގައި، ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އެއާޕޯޓުގެ ގޮތުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެއްޖެ އެވެ.


މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެއާ ކޮންޑިޝަން ސިސްޓަމުން ފެންފައިބާތީ ބައެއް ފަހަރު ބާލިދީތައް ބަހައްޓައިގެން ފެން ނަގަމުންދާ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް، "ވޯލްޑްސް ލީޑިން އެއާޕޯޓު"ގެ ގޮތުގައި މި އެވޯޑަށް ނޮމިނޭޓްވެފައި ވަނީ ފާއިތުވި އަހަރުގެ ވޯޓަށް ބަލައި، ޓްރެވަލް ޓޫރިޒަމް ހޮސްޕިޓަލިޓީގެ މާހިރުންގެ ރިކޮމެންޑޭޝަންގެ މައްޗަށް ބިނާކޮށް ކަމަށެވެ.


ސަތާރަ ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ތަފާތު 18 ދާއިރާއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެފައި ކަމަށް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑަ"ށް، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ނޮމިނޭޓްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


ސަތާރަ ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ކާމިޔާބުކުރާ ފަރާތްތައް އިއުލާންކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 7 ވަނަ ދުވަހު ލަންޑަންގައި އޮންނަ "ގްރޭންޑް ފިނާލޭ ގާލާ ސެރަމަނީ" ގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.