01 Dec 2012, 10:38
މަކަރާއި ހީލަތުން ދެ މީހެއްގެ ބޭންކް އެކައުންޓަކުން 14،000 ރުފިޔާ ނެގި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ ފައިސާ ނަގާފައި ވަނީ އޭޓީއެމްތަކުން ކަމަށެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ދުންބުރުވާގެ އިބްރާހީމް ލަތީފް 40،ގެ މައްޗަށް ކަމަށާއި އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 18ގައި ކަމަށެވެ.
ފުލުހުން އެމީހާ ހައްުޔަރުކޮށްފައި ވަނީ މި އަހަރުގެ އޯގަސްޓް މަހު، ބޭންކް އޮފް މޯލްޑިވްސްގައިވާ ދެ މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 14،000ރ. ނަގާފައިވާ މައްސަލައަކާ ގުޅިގެން މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ.
އެމީހާ ވައްކަން ކުރީ އޭޓީއެމްތަކަށް ފައިސާނަގަންދާ މީހުންގެ ތެރެއިން، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ ނަމުގައި އެމީހުންނަށް ފައިސާނަގައި ދިނުމަށް ފަހު އެމީހުންގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފައިވެ އެެވެ.