01 Dec 2012, 10:28
އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ޕާކްކުރާ އެއްގަމު އުޅަނދުގައި "ޓްރެފިކް ވައިލޭޝަން" ސްޓިކާ މިއަދުން ފެށިގެން ޖަހަން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ލޭންޑް ވެހިކަލް ރަޖިސްޓްރާ އިބްރާހިމް ނާޒިމް މިއަދު ވިދާޅުވީ މިއަދުން ފެށިގެން ސްޓިކާ ޖަހަން ފަށާފައިވާ ކަމަށާއި އެގޮތުން ގަވައިދާހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކަށް އެ އުސޫލުގެ މަތިން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދުން ފެށިގެން ސުޓިކާ ޖަހަމުން ދާނީ. އެގޮތުން އަޅުގަނޑުމެން ސުޓިކާޖަހާނީ ކުރިން ބުނިފަދައިން އުނދަގޫވާ ގޮތަށް ގަވައިދާހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި،" ނާޒިމް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަށް މިއަދު ފަށަފައިވާ އިރު ފުރަތަމަ ޖަހާ ސްޓިކާއަށް ނަގަނީ 250ރ. އެވެ. އަދި ދެ ވަނަ ފަހަރަށް ޖަހާ ސްޓިކާ އަށް 500ރ. ނަގަން ނިންމާފައިވާ އިރު އިތުރަށް ޖަހާ ކޮންމެ ސްޓިކާއަކަށް 750ރ. ނަގަން ވަނީ ނިންމައިފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގައި ބަލާނީ މަގަށް ދަތިވާ ގޮތަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ގޯޅިގޯޅި ކަންމަތީގައި ޕާކްކުރާ އުޅަނދުތަކުގައި ކަމަށެވެ. އަދި މިސްކިތްތަކުގެ ދޮރުމަތީގައި ޕާކްކުރާ އުޅަނދާއި ހޮސްޕިޓަލްތައް ނުވަތަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުތަކާއި އާއްމު ހިދުމަތްދޭ ތަންތަނަށް ވަދެ ނިކުތުމަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުތަކާއި ގަރާޖްތަކަށް ދަތިވާ ގޮތަށް ޕާކްކުރާގޮތަށް ޕާކްކުރާ އުޅަނދާއި ގޯޅިތަކަށް ނުވަދެވޭ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ޓްރެފިކް ލައިޓް ސަރަހައްދުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ސްޓިކާ ޖަހަން ފަށާ އިރު އެ ގަވާއިދާ މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުންތަކެއް ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. ޓެކްސީ ޑްރައިވަރުން ޑިމާންޑްކުރަމުންދަނީ ޕާކް ކުރާނެ ތަންތަން ނެތް އިރު އެކަމަށް ހައްލެއް ނުހޯދައި ސްޓިކާ ޖަހާ މައްސަލަ އެވެ.