ހިފާފައިވާ ޤުދްސު (ޑިސެމްބަރު 1): ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި 3000 ހައުސިންގް ޔުނިޓް ބިނާކުރުމަށް އިސްރާއީލުން ނިންމައި އެކަން އިޢްލާންކޮށްފި އެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކު ބީބީސީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް 3000 ހައުސިން ޔުނިޓް ބިނާކުރުމަށް ނިންމީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ.ގެ އޮބްޒާވަރުކަން ދިނުމާގުޅިގެން އެކަމަށް ރައްދި ދިނުމުގެ ގޮތުންނެވެ.

ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދްސަކީވެސް 1967ގެ ޢަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކެވެ. މިބިންތަކުގައި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުން ހަތްލައްކައަށް ވުރެ ޔަހޫދީން ދުނިޔޭގެ ކަންކޮޅުތަކުން ގެނަސް އެބިންތަކުގައި ވަޒަންވެރިކުރުވާފައިވެ އެވެ. މި ހަތްލައްކައެއްހާ ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި އިސްރާއީލުން ވަނީ މިސަރަޙައްދުތަކުގައި 80 ހާހަށް ވުރެ ހައުސިން ޔުނިޓް ގާއިމްކޮށް ޔަހޫދީ އަވަށްތައް އާބަދުކޮށްފަ އެވެ. ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވަނީ 1967ގައި ހިފިބިންތަކުގެ ބޮޑުބައެއް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ ބޭނުމުގަ އެވެ.

މިގޮތަށް ފަލަސްތީނުގެ ބިންތަކުގައި ގިނަ އަދަދަކަށް ޔަހޫދީން ވަޒަންވެރި ކުރުވަނީ ފަލަސްތީނުގެ ބިންތަކުން ފައިބަންޖެހިއްޖެ ދުވަހަކުން ވެސް އެބިންތަކުގެ ބޮޑުބަޔަކުން ނުފޭބުމުގެ ސްޓްރެޓެޖީއެއްގެ ދަށުންނެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ފަލަސްތީނުގެ މިނިވަން ދައުލަތަށް މުސްތަޤްބަލްގައި ލިބޭނެބިންކޮޅު ކުޑަވެ އެ ދައުލަތް ދެމިއޮތުމުގެ ފުރްސަތު ކުޑަވެގެންދާނެ ކަމަށް އިސްރާއީލުން ދެކެ އެވެ. އިސްރާއީލުގެ މަސްއޫލުވެރިޔާ ވަނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށް އިތުރު އެތައް ހާސް ހައުސިން ޔުނިޓްތަކެއް ބިނާކުރުމުގެ އިތުރު ޕްލޭންތަކެއް ވެސް އިސްރާއީލު ސަރުކާރުން ވަރަށް އަވަހަށް އިޢްލާންކުރާނެކަން ހާމަކުރައްވާފަ އެވެ.

ހިފާފައިވާ ބިންތަކުން ޔަހޫދީން ވަޒަންވެރިކުރުވުމަކީ އެބިންތަކުން ފޭބުމަށް ގޮވާލާ އދ.ގެ ޤަރާރުތަކާ މުޅިން ޚިލާފު ކަމެކެވެ. ނަމަވެސް އދ.ގެ ޤަރާރުތަކަށް ގޮންޖަހާ މައްސަލާގައާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި ޢުދުވާނުގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގައި އދ. ވަނީ ނާކާމިޔާބު ވެފަ އެވެ. (ބީ.ބީ.ސީ)