01 Dec 2012, 09:52
މޮސްކޯ (ޑިސެމްބަރު 1): ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ސިއްޙީ ޙާލުކޮޅާ މެދު ސުވާލު އުފެދިފައިވަނިކޮށް ޖަޕާނުގެ ބޮޑުވަޒީރު ޔުޝިހީކޯ ނޮޑާ ރަޝިޔާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި އެވެ.
މި މަހުގެ ކުރީކޮޅު ނޮޑާ ރަޝިޔާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްކުރަން ޖެހުނީ ޕޫޓިން އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކާ ޙަވާލާދީ ޖަޕާން ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޕޫޓިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ ނޮޑާ ރަޝިޔާއަށް ވަޑައިގަންނަވާނެ ދުވަހެއް ދެގައުމުން ކަނޑައަޅާފައިނުވާ ކަމުގަ އެވެ. ރަޝިޔާގެ ރައީސް ޕޫޓިން އުޅުއްވަނީ ކޮންމެވެސް އާލާސްކަންފުޅެއްގައި ކަމަށް ކުރެވޭ ޝައްކުތައް އިތުރުވެފައިވީ ނަމަވެސް ރަޝިޔާ ސަރުކާރުން މިކަމުގެ ހަޤީޤަތް ހާމަކޮށްދީފައެއްނުވެ އެވެ.
އުމުރުން 60 އަހަރުގެ ޕޫޓިންއަކީ ޖޫޑޯގެ އިތުރުން ސްނޯމަތީގައި ހޮކީ ފަދަ ވަރުގަދަ ކުޅިވަރުތައް ކުޅުއްވާ ބޭފުޅެކެވެ. މިފަދަ ކުޅިވަރުތައް ކުޅުއްވަނިކޮށް އޭނާގެ މައިބަދަ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓްތަކެއް ދާދިފަހުން ފެތުރިފައިވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ބޭއްވި އޭޕެކްގެ ސަމިޓް ބައްދަލުވުމުގައި ޕޫޓިން ކޮރުޖައްސަވަމުން ހިންގަވާފައިވާތަން ފެނިފައިވެ އެވެ.
ރަޝިޔާގެ ރަސްމީ އަދި ނުރަސްމީ ޙަފްލާތަކުން ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޕޫޓިން ފެނިފައިވަނީ އެންމެ ފަހަރަކު އެވެ. އަދި ރަޝިޔާގެ ޤައުމީ ޓީވީ އިން ވެސް ޕޫޓިން ވަރަށް މަދުންނޫނީ ނުފެންނަ އިރު ފެންނަ ފަހަރަކު ވެސް ފެންނަނީ ބަލިގޮތަކަށް އިށީންދެވަޑައިގެން އިންނަވާތަނެވެ. އަދި އިންޑިޔާ އަށާއި ބަލްގޭރިޔާ އަށް އޭނާ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުތަކެއް ވެސް ދާދިފަހުން ވަނީ ކެންސަލްކުރައްވާފަ އެވެ.
ޕޫޓިންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އޭރުގެ ރޫސީވިލާތުގެ ޖާސޫސީ އިދާރާ (ކޭޖީބީ)ގެ ސިއްރު އެޖެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އަށް ރަޝިޔާގެ ވެރިކަން ފުރަތަމަ ލިބިވަޑައިގަތީ 1999 ގަ އެވެ. އެއަށްފަހު ހަ އަހަރުގެ ރިޔާސީ ދެ ދައުރު ޕޫޓިން ފުރިހަމަ ކުރެއްވި އެވެ. އަދި ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޤާނޫނީ ހައިސިއްޔަތު ނެތިގެން ހަތަރު އަހަރުގެ އެއް ދައުރު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށް ފަހު މިދިޔަ މާޗް މަހު ބޭއްވި ރަޝިޔާގެ ރިޔާސީ އިންތިޚާބު އަނެއްކާ ވެސް ކާމިޔާބު ކުރައްވައިގެން ޕޫޓިން ވަނީ ރަޝިޔާގެ ރައީސް ކަމަށް އަލުން އެނބުރި ވަޑައިގެންފަ އެވެ. (ބީ.ބީސީ)