01 Dec 2012, 09:44
ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޒަން ފިރިހެން ސިންގަލްސް ފައިނަލްގެ ދެ ޖާގަ ހަސަން ނާޒިމް އާއި ހުސައިން އަލީ ކަށަވަރު ކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝާފީ މުހައްމަދު ސީދާ ދެ ސެޓުން ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިދިޔަ ދެ އަހަރުގެ ވެސް ގައުމީ ޗެމްޕިއަން ހަސަން ނާޒިމެވެ. ހަސަން ނާޒިމް މި އަހަރު ގައުމީ ޗެމްޕިއަން ކަން ހޯދައިފި ނަމަ ގައުމީ ތަށި ނާޒިމަށް މިލްކުވާނެ އެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އަހުމަދު ހާމިދު ސީދާ ދެ ސެޓުން ބަލިކޮށް ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ކުރީ ހުސެއިން އަލީ އެވެ.
މުޅި މުބާރާތުގެ ވެސް އެންމެ ފޯރިގަދަ އިވެންޓް ކަމުގައިވާ ޕްރިމިއާ ޑިވިޒަން ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ހަސަން ނާޒިމާއި ހުސެއިން އަލީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު ދޭ ވާ އާދިއްތަ ދުވަހުގެ ހަވީރު 4:15 ގަ އެވެ. މިމެޗު ޓީވީއެމް އިން ލައިވްކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މިމަހު 25 އިން އަންނަ މަހުގެ 2ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމްލަ 10 ޓީމަކާއެކު އިންޑިވިޖުއަލް އިވެންޓްތަކުގައި 98 ކުޅުތެރިޔަކު ބައިވެރިވެފައިވެ އެވެ.