01 Dec 2012, 09:40
މާފުށި ޖަލުގެ ވަށާފާރުލުމުގެ މަސައްކަތާއި ޢުމްރާނީ ބައެއް މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ އަތޮޅު މާފުއްޓަށް އިއްޔެ ހަވީރު ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ މާފުށީ ޖަލުގެ ވަށައި ފާރުރާނައި އަދި ޖަލަށް ގެންނަން ޖެހޭ އެހެން ބަދަލުތައް ގެންނަން ނިންމެވި މައިގަނޑު ސަބަބަކީ އެކަމަކީ ރަށުގެ ރައްކާތެރި ކަމަށްޓަކައި މިވަގުތު ކޮންމެހެން ކުރަންޖެިފައިވާ ކަމެއް ކަމަށް ދެކެޥަޑައިގެންނަވާތީ ކަމަށެވެ.
ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ މާފުށި ބޮޑުކުރުމުގެ ޚިޔާލާ ދޭތެރޭގައި ވެސް އަލުން ވިސްނުމަކަށް ދާން ޖެހޭ ކަމަށާއި އެހެން ކަމުން ކަމާ ބެހޭ ފަރާތްތަކުގެ ދިރާސާއަށް ފަހު، އެކަން ކުރެއްވެން އޮތް ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށާއި އަދި ރަށުން ގޯތި ދެވެން އޮތް ގޮތަކާ ދޭތެރޭގައި ވެސް ވިސްނާވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މާފުށީގެ ފަތުރުވެރި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާފުށްޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުޅިން އާ ތަޖުރިބާއެއް ކުރަމުންދާ ރަށެއް ކަމަށާއި އެ ރަށުގައި 170 ޓޫރިސްޓުން ތިބިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ، މީހުން އުޅޭ އެހެން ރަށަކުން ފެންނަ ކަމެއް ނޫން ކަމަށާއި ރަށުގައި ގިނަ ޢަދަދެއްގެ ގެސްޓްހައުސްތައް ހުރިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުން ރަށަށް ލިބޭ ފައިދާ އިތުރުވާ ގޮތަކަށް، އެކަން ކުރެވޭނެ ގޮތެއްވެސް ބައްލަވަން ބޭނުންފުޅުވާ ކަމަށާއި އަދި ފަތުރުވެރިންނަށް ބޭނުންވާ ކަންކަން ރާވަންޖެހޭ ކަމަށާއި ފަތުރުވެރިންނަށް އިތުރު ހިތްފަސޭހަކަން ލިބިދިނުމަށް ޓަކައި ކުރެވެން ހުރި ކަންތައްތައް ވެސް ބަލައި، ދެނެގަނެ، މާފުށްޓަކީ ވެސް ފަތުރުވެރިން ވަރަށް އުފަލާ އެކީގައި ރަށުގެ ރައްޔިތުންނާ އެކީގައި އުޅޭ ތަނަކަށް ހަދަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މާފުށީގައި މިކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިއްޖެ ނަމަ، އެހެން ރަށްރަށުގައި ވެސް މިކަން ކާމިޔާބުކަމާ އެކު ގެންދެވިދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުން މިކަން ކުރާގޮތް ބަލައި އެގޮތަށް އެ މަސައްކަތް ކުރެވޭތޯ ވެސް ބަލަންޖެހޭ ކަމަށް ރައީސލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ މާފުށީގެ ރައްޔިތުންނަކީ އެހެން މީހުންނަށް ކަމޭހިތައި، މެހްމާންދާރީ އަދާކުރާ، އަދި މީހުންދެކެ ލޯބިވާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް ކަމަށާއި މިއީ ވަރަށް މަދު ރަށެއްގައި ނޫނީ ވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ އާބާދީއަކީ އެންމެ ފަނަރަސަތޭކަ ކަމަށް ވިޔަސް، ރަށުގައި ގާތްގަނޑަކަށް ހަތަރުހާހެއްހާ މީހުން ދިރިއުޅޭކަން އެއީ، ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.