ހައިކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި އެވެ.

ހައިކޯޓުން ބުނީ ހައިކޯޓުގެ ރިސެސްގެ މުއްދަތު މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ދެމިގެން ދާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް ކޯޓަށް މައްސަލަތައް ބަލައިގަންނާނެ ކަމަށާއި ނަމަވެސް ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތުތަށް ފިޔަވަޅު އަޅަން ޖެހޭ ޒާތުގެ މައްސަލަތައް ފިޔަވައި އެހެން އެއްވެސް މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ނޯންނާނެ ކަމަށް ވެސް ހައިކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ ކޯޓުގެ ރިސެސްގެ މުއްދަތަކީ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީއަތްތައް ނޯންނާނެ ކަމަށާއި ނަމަވެސް ކުއްލި އަކަށް ޝަރީއަތުގެ މަޖިލީހެއް ބާއްވަން ޖެހިއްޖެ ނަމަ ރިސެސްގެ ތެރޭގައި ވެސް ޝަރީއަތެއް ބާއްވަން ޖެހިދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސެސް އަށް ދިޔަ ނަމަވެސް ކޯޓުން ކުރަމުން ގެންދާ އިދާރީ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށެވެ. އަދި ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކަންތައް ވެސް މެދު ނުކެނޑި ކޮންމެ ދުވަހަކު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ ރިސެސްގެ މުއްދަތު މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޝަރީއަތްތަކެއް ނެތްނަމަވެސް އަވަހަށް ނިންމަންޖެހޭ މައްސަލަތަކާއި ވަގުތީ އަމުރުތައް ނެރުމުގެ މަސައްކަތް ރިސެސްގެ ތެރޭގައި ވެސް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.