01 Dec 2012, 04:23
އޭއެފްސީ ކަޕުގައި އަންނަ އަހަރު ވެސް ކުޅޭނީ ޕްލޭއޯފް އެންމެ މެޗެއް ކަމަށް އޭއެފްސީން ނިންމައިފި އެވެ.
އެ ޖަމާއަތުގެ އެކްސްކޯ ބައްދަލުވުމުގައި މި ގޮތަަށް ނިންމިއިރު ޗެމްޕިއަންސް ލީގުގައި ޕްލޭއޯފް ދެ މެޗު ކުޅޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރަށް ފަހު އޭއެފްސީ ކަޕުގައި ވެސް ޕްލޭއޯފް ދެ މެޗު ކުޅެން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ވަނީ ކުލަބުތަކުގެ މާލީހާލަތު ރަނގަޅު ކުރުމަށް ޖާޒީގެ ފަހަތުގައި ސްޕޮންސާޖެހޭ ގޮތަށް ވެސް ބަދަލުކޮށްފަ އެވެ.
މި ފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖެއިން ވާދަ ކުރާނީ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓާއި އެފްއޭކަޕް ޗެމްޕިއަން މާޒިޔާ އެވެ. މީގެ ތެރެއިން ޕްލޭއޯފް ކުޅެން ޖެހޭނަމަ އެ ޓީމަކަށްވާނީ މާޒިޔާ އަށެވެ. މި ދެ ޓީމު ވެސް ވާދަ ކުރަން ޖެހޭނީ ނިމިގެންދިޔަ މުބާރާތާ ހިލާފަށް އިރުމަތީއޭޝިޔާ ފަޅީގަ އެވެ. އެންމެ ފަހު މުބާރާތުގައި ރާއްޖެ ވާދަކުރީ ހުޅަނގުއޭޝިޔާ ފަޅީގަ އެވެ. އެއީ އިރުމަތީ ފަޅިން ރާއްޖެ ބަދަލުކުރުމުންނެވެ. ނަމަވެސް އަހަރަކަށް ފަހު އަލުން އެފުރުސަތު ދިނީ ނިސްބަތުން މާބޮޑަށް ވަރުގަދަ ޓީމުތަކާ ދިވެހި ޓީމުތައް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ކަމަށް ބުނެ އެކަން ބަދަލުކޮށްދިނުމަށް އެފްއޭއެމުން ހުށަހެޅުމުންނެވެ.