ދުނިޔޭގައި މި ވަގުތު ހުރި އެންމެ ޑިމާންންބޮޑު ކޯޗު ސްޕޭންގެ ޕެޕް ގާޑިއޯލާ މިހާރު ވަނީ މެންޗެސްޓާ ސިޓީގެ ކޯޗުކަން "ގަބޫލުކޮށްފައި،" ކަމަށް ފީފާގެ އެޖެންޓަކު ބުނެފި އެވެ.

ބާސެލޯނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފާހު ގާޑިއޯލާ މިވަގުތު ހުރީ އަހަރެއްހާ ދުވަހުގެ ޗުއްޓީއެއްގައި އެމެރިކާގަ އެވެ.

ފީފާގެ އެޖެންޓް ގައްލާޑޯ ސްޕޭނުގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަނުންނާ ހަވާލުވުމަށް ގާޑިއޯލާ މާކުރިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ސިޓީގެ ކޯޗުކަމުގައި ހުރި ރޮބާޓޯ މަންޗީނީ މި ސީޒަނަށް ފަހު މަގާމުން ދުރުކުރަން ސިޓީން ނިންމާފައިވާ ކަމަށެވެ.

"ގާޑިއޯލާއާ ވަނީ ކުރިން އެއްބަސްވުމަކަށް އައިސްފަ ސިޓީގެ ކޯޗަކަށްވާން. އެއީ މިލާނުން ކީއްކުރަން ކޮންމެ ބަޔަކު އޮފާއެއް ދިން ނަމަވެސް،" ހަމަޖެހިފައިވާ ކަމެއް ކަމަށެވެ. އެޖެންޓް އަދި ވަނީ ސިޓީން އިނގިރޭސި ކީޕަރު ޖޯ ހާޓްގެ ބަދަލުގައި ބާސެލޯނާގެ ކީޕަރު ވިކްޓަ ވަލްޑޭޒް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

"މިއީ މީހެއްގެ ވިސްނުން ބަދަލުކޮށްލުމަށް ކޮށްފައިވާ ކަމެއް. މިއީ އަހަރެން ބާސެލޯނާގައި ހުރި ނަމަ އަހަރެން ކަންބޮޑުވާނެ ކަމެއް،" ގައްލާޑޯ ބުންޏެވެ.

އޭނާގެ މިވާހަކަތަކަށް ބާރު ލިބޭ އެއް ސަބަބަކީ ސިޓީން އެކުލަބު ހިންގުމުގެ އެންމެ އިސް ރޯލުތައް ބާސެލޯނާގެ ކުރީގެ ދެ ސްޓާފަކާ ހަވާލުކޮށްފައިވުމެވެ. މި ގޮތުން ޑިރެކްޓަ އޮފް ފުޓްބޯޅައިގެ މަގާމު ބާސެލޯނާގައި ކުރިން އެމަގާމު އަދާކުރި ޓިކީ ބެގްރިސްޓިއަން އަށް އަދި ޗީފް އެގްޒެކެޓިވްކަން ފެރަން ސޮރިއާނޯ އަށް ވަނީ ދީފަ އެވެ. އަނެއް ސަބަބަކީ ޗެލްސީއާ ހަވާލުވާނަމަ ޓީމެއް ހެދޭނެހާ ވަގުތުނުދީ މަގާމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެކުލަބުން ދިނުމަށް ގާޑިއޯލާ ބޭނުންވާ ކަމަށް އޭނާގެ ގާތްރަހުމަތްތެރިއަކު ހުސްވި ހަފުތާގައި ބުނެފައިވުމެވެ. އަދި ޗެލްސީން އެއްވެސް ކޯޗަކަށް އެކަށީގެންވާ ވަގުތުނުދީ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރަމުންދާތީވެ އެއީި ގާޑިއޯލާ ހަވާލުވާން އެންމެ ރަނގަޅު ކުލަބުކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ގާޑިއޯލާއާއެކު އެމެރިކާހުރި އެ ރަހުމަތްތެރިޔާ ބުނެފައިވުމުންނެވެ.

މިހެންވެ ގާޑިއޯލާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޗެލްސީ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް އަށް އޭނާ އެންމެ ބޭނުންވާ ކޯޗު ލިބެން ނެތްކަމަށް ވެސް އެޖެންޓް ވަނީ ބުނެފަ އެވެ. އަބްރޮމޮވިޗް ވަނީ އޭނާގެ ޓީމަށް ގާޑިއޯލާ ގެންދިއުމަށް ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފަ އެވެ. އަދި މި ސީޒަން ނިމުމުން ޗެލްސީގެ ކޯޗުކަން ގާޑިއޯލާ އަށް ދިނުމަށް ލިވަޕޫލްގެ ކުރީގެ ކޯޗު ރަފޭލް ބެނީޓޭޒަށް ޗެލްސީގެ ކޯޗުކަން ދިނީ ވެސް ސީޒަނުގެ ނިޔަލަށެވެ. ޗެލްސީގެ އިތުރުން ގާޑިއޯލާ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗީނީ އަށް ވެސް ހުރި ބިރެއް ކަމަށް ބައެއް މީޑިޔާތަކުން ކުރިން ވެސް ދިޔައީ ލަފާކުރަމުންނެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ހުރީ ސިޓީއާ ހަވާލުވާން ތައްޔާރަށް ކަމަށް ބައެއް މީޑިޔާތަކުން ވަނީ ބުނަން ފަށައިފަ އެވެ. ރެއާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ހަތަރު އޮތް ނަމަވެސް އިނގިރޭސި ލީގަށް އަލުން ދިއުމުގެ ޝައުގު މޮރީނިއޯ ފާޅު ކުރަމުންދާއިރު އޭނާގެ އެޖެންޓް ވަނީ ވަރަށް ފަހުން ސިޓީގެ ފުޓްބޯޅަ ޑިރެކްޓަރު ބެގްރިސްޓިއަންއާ ޕޯޗުގަލްގައި ބައްދަލުކޮށްފަ އެވެ.