30 Nov 2012, 21:59
ޖުމްހޫރީ ޕާޓީގެ މެންބަރުންކަމުން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ މިރޭ އިސްތިއުފާދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ދާދި ދެންމެއަކު އެ ޕާޓީއަށް ލިބިފައިވާކަން އެ ޕާޓީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ. އަލްހާންވެސް އެކަން ވަނީ ސަން އޮންލައިންއަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އިސްތިއުފާ ދިނުމަށް އަލްހާން ފޮނުއްވި ސިޓީ ގެ ކޮޕީއެއް ސަން އޮންލައިންއަށް ވަނީ ލިބިފަ އެވެ.
އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އަލްހާން މިރޭ ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ކައުންސިލުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން މަސައްކަތް ކޮށްފައިވަނީ އެކަށޭނަ ސަބަބެއް ނެތި ކަމަށާއި އެ ކަމާއި މީގެ ކުރިންވެސް ވާހަކަދައްކާ ނަސޭހަތްތެރިވުމުންވެސް މި މައްސަލައަށް އެއެއްވެސް ހައްލެއް ލިބިފައިނުވާތީ އޭނާ އެ ޕާޓީން ވަކިވާން ގަސްތުކުރާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކައުންސިލުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކޮށްފައިވަނީ ޖުމްހޫރީ ޕާޓިގެ އަސާސީ ޤަވާއިދާއި ކައުންސިލް މެންބަރުން އަމަލުކުރުމުގައި ހިފަހަށްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހިލާފަށް ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން މިފަދައިން އަޅުގަނޑާ ދޭތެރޭ އަމަލުކުރުމުގައި ޖުމްހޫރީ ޕާޓީގެ ކުރިއެރުމަށާއި މަނިކުފާނުގެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރާނެ ނޭދެވޭ އަސަރުތަކާއިމެދު އެއްވެސްވަރަކަށް ވިސްނާފައިނުވާކަންވެސް އަޅުގަނޑު ހިތާމަޔާއެކު ފާހަނގަކުރަމެވެ. މިފަދައިން ޖުމްހޫރީ ޕާޓިގެ ކައުންސިލްގެ ގިނަމެންބަރުންގެ އަމަލުތައް ހުރުމާއެކު، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރުމަށް އަޅުގަނޑު ބޭނުންނުވާތީ، ޖުމްހޫރީ ޕާޓީއިން މިއަދުން ފެށިގެން އަޅުގަނޑު ވަކިވާން ނިންމާ އެކަން މަނިކުފާނަށް އެންގީމެވެ،" އަލްހާން ސިޓީަގައި ވިދާޅުވެފައިވެ އެވެ.
އަލްހާން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ވެރިކަން ބަދަލުވުމަށް ފަހު އެމްޑީޕީގެ ތެރޭގައި ރައީސް މުހަންމަދު ނަޝީދާއި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ އުފެދުނު ދެ ބަސްވުމުގައި އެ ޕާޓީގައި އޭނާ ހުންނެވި މަގާމު ކަމަށްވާ އެމްޑީޕީގެ ނައިބު ރައީސް ކަމުން އެ ޕާޓީގެ ކައުންސިލުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކުރުމުންނެވެ.
ފަހަކަށް އައިސް އަލްހާން ވަނީ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް ފާޅުގައި ފާޑު ވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސްގެ އިސްތިއުފާއަށްވެސް އަލްހާން ވަނީ ގޮވާލައްވައިފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްހާން ވަނީ ޖީއެމްއާރުގެ އެގްރިމަންޓް ބާތިލް ކުރުމާއި ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަ ދައްކަވައިފަ އެވެ. އަދި ސަރުކާރުން މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ރައީސް ވަހީދާ ދެކޮޅަށް މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި އޭނާ ވޯޓުލާނީ ރައީސް ވަހީދާ ދެކޮޅައްކަން އޭނާ ވަނީ ހާމަކުރައްވައިފަ އެވެ.