30 Nov 2012, 21:45
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) ޑިވަލޮޕް ކުރުމަށް ޖީއެމްއާރާ އެކު ހިއްސާވާ މެލޭޝިޔާގެ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުން 20 މިލިއަން ރިންގިޓް (6.6 މިލިއަން ޑޮލަރު) އިންވެސްޓް ކޮށްގެން ދެ އަހަރުގެ ތެރޭގައި 40 މިލިއަން ރިންގިޓް (13.2 މިލިއަން ޑޮލަރު) ފައިދާ އަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެއާޕޯޓް ޑިވަލޮޕްކުރުމަށް ޖީއެމްއާރުން އުފެއްދި ކޮންސޯޓިއަމްގައި ޖީއެމްއާރުން 77 ޕަސެންޓް ހިއްސާ ކުރާ އިރު މެލޭޝިއަން އެއާޕޯޓްސް އިން ހިއްސާކުރަނީ 23 ޕަސެންޓެވެ.
ޖީއެމްއާރުގެ ކޮންޓްރެކްޓް މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށް އެއާޕޯޓް ހަވާލުކުރަން ހަތް ދުވަހުގެ ނޯޓިސް ޖީއެމްއާރަށް ދިން މައްސަލައިގައި މެލޭޝިޔާގެ ނޫހެއް ކަމަށްވާ، "ދަ މެލޭ މެއިލް" އަށް މެލޭޝިޔާ އެއާޕޯޓްސްގެ ޗީފް ފައިނޭންޝިއަލް އޮފިސާ ފައިސަލް މަންސޫރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން އިންވެސްޓް ކުރި ފައިސާ އެ ކުންފުންޏަށް ލިބި ވަރަށް ބޮޑަށް ފައިދާވެފައިވާ ކަމަށާއި ދިވެހި ސަރުކާރުގެ ނިންމުމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި އަށް ވާނޭ ގެއްލުމެއް މިހާރަކު ނެތް ކަމަށެވެ.
"އަހަރެމެންގެ ވިޔަފާރިއަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެ ހީނަރުކަމެއް ނާންނާނެ. އެއީ އަހަރުމެން އިންވެސްޓްކުރީ 20 މިލިއަން ރިންގިޓް، މިވީ ދުވަސްތަކުގެ ތެރޭގައި 40 މިލިއަން ރިންގިޓް ފައިދާއަށް ލިބިފައިވޭ،" ފައިސަލް ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރާއި އެމްއޭސީއެލް އާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަކުން ދިވެހި ސަރުކާރާ އެކު އޮންނަ ގުޅުމަށް ބުރޫނާރާނެކަން ފާހަގަ ކުރަމުން ފައިސަލް ވިދާޅުވެފައި ވަނީ އެގްރިމަންޓް ބާތިލް ކުރީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެ ނިންމުމަކީ އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރުމެންނަކީ މައްސަލައެއް ނޫން. އާ ސަރުކާރުން ބޭނުން ނުވަނީ ކަމަށް ވެދާނެ ޖީއެމްއާރު މަންޒަރުގެ ތެރޭގައި ބާއްވަން. އެހެން ވެއްޖިއްޔާ އަހަރުމެން ބޭނުމެއް ނޫން އެކަމުގެ ތެރެއަށް ވަންނާކަށް،" ފައިސަލް ވިދާޅުވެފައިވެ އެވެ.
އެ ނޫސްބުނާ ގޮތުން 1.5 ބިލިއަން ރިންގިޓް (500 މިލިއަން ޑޮލަރު) އިންވެސްޓްކުރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ މެލޭޝިއާ އެއާޕޯޓްސްގެ ހިއްސާއަކީ 23 ޕަސެންޓެވެ. އަދި ޖީއެމްއާރުގެ 77 ޕަސެންޓެވެ. ފައިސަލް އަދި ވިދާޅުވެފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެމްއޭސީއެލް އާއި ފިނޭންސް މިނިސްޓްރީން އެއާޕޯޓް ހަވާލުވާކަން ވެސް މިހާރު އެނގިފައިވާ ކަމަށެވެ.
ޖީއެމްއާރުން ބުނެފައި ވަނީ ހަތް ދުވަހުގެ ނޯޓިސްއަށް އަމަލުނުކުރާނެ ކަމަށާއި އެއީ އެގްރިމަންޓްގެ ބޭރުން ފޮނުވި ނޯޓިސްއެއް ކަމަށެވެ. އަދި އެ ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެ ކުންފުނިން މިއަދު ވަނީ ސިންގަޕޫރުގެ ހައިކޯޓުގައި އެދިފަ އެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން މިއަދު ނެރެދީފައެއްނުވެ އެވެ.