30 Nov 2012, 21:10
މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު ކުޅެވުނު ފަސް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ފޯރިގަދަ ފައިނަލްގައި މި މުބާރާތުގެ ޗެމްޕިއަންކަން ތިންފަހަރު ހޯދާފައިވާ ޏ. ފުވައްމުލަކު ބެޑްމިންޓަން ޓީމް ސީދާ ތިން މެޗުން ބަލިކޮށް ބ. އޭދަފުށީ ބެޑްމިންޓަން ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާތުގެ 2008، 2009 އަދި 2011 ވަނަ އަހަރުގެ ޓީމު އިވެންޓުގެ ޗެމްޕިއަނުންނަކީ ވެސް ފޯއްމުލަކު ބެޑްމިންޓަން ޓީމެވެ. އޭދަފުށީ ބެޑްމިންޓަން ޓީމަކީ 2010 ވަނަ އަހަރުގެ ތިން ވަނަ ޓީމެވެ. އަދި ފައިނަލްގައި ފޯއްމުލަކު ޓީމާ ވާދަކޮށް 2011 ވަނަ އަހަރު އެ ޓީމަށް ލިބުނީ މުބާރާތުގެ ދެވަނަ އެވެ.
މިއަދު ކުޅުނު ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ފުވަމުލަކުގެ ސައުދުﷲއާ ވާދަކޮށް އޭދަފުށީ ޓީމުގެ އަބްދުލްމަތީން އަހްމަދު ވަނީ ފަސޭހަކަމާ އެކު ދެ ސެޓް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ފުރަތަމަ ޑަބަލްސްގައި ފުވައްމުލަކުގެ އާސިމް އަދި ނަސީރު އަލީއާ ވާދަކޮށް ބޮޑު ތަފާތަކުން ސީދާ ދެ ސެޓުން މެޗް ކާމިޔާބުކުރީ އޭދަފުށީ ޓީމުގެ ތޮލާލު އަބްދުއްރަހްމާން އަދި އަބްދުލްބާރީ މުހައްމަދު އެވެ. މި ޓައިގެ ދެވަނަ ޑަބަލްސްގައި ފުވައްމުލަކު ޓީމުގެ އަލީ އާމިރު އަދި ޝަޒީމްއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބުކުރީ އޭދަފުށީ ޓީމުގެ އަބްދުލް މަތީން އަހްމަދު އަދި ހުސައިން މުހައްމަދު އެވެ.
ރޭ ކުޅުނު އަތޮޅު ލީގުގު މުބާރާތުގެ ޓީމު އިވެންޓުގެ ތިން ވަނަ ހޮވާ މެޗް ނ. ހޮޅުދޫ ބެޑްމިންޓަން ޓީމާ ވާދަކޮށް ދެމެޗް ތިން މެޗުން ކާމިޔާބުކުރީ އައްޑޫ ހޮރައިޒަން އެކަޑެމީ އެވެ.
ޗެމްޕިއަން ޓީމަށް 20،000ރ. ހުށަހަޅާފައިވާ 39 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި ފަސް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޖުމްލަ އެއްލައްކަ ރުފިޔާގެ ހުށަހަޅާފައިވެ އެވެ.
މި މަހުގެ 25ން އަންނަ މަހުގެ ހަތަރަކަށް ކުރިއަށް ގެންދާ މި ދެ މުބާރާތުގައި މާދަމަ އިން ފެށިގެ ދެން ކުރިއަށް ގެންދާނީ އަތޮޅު ލީގާއި ގައުމީ މުބާރާތުގެ އޯޕަންސް އިވެންޓްގެ މެޗްތަކެވެ. މެޗްތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު ހަތަރުގަޑި ބައިން ފެށިގެން ނެވެ.