30 Nov 2012, 18:38
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސްއަށް އެކަން އަންގަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 202 މާއްދާގެ ށ. ގައި ބުނަނީ ތަހުގީގަށް މެންބަރަކު ބަންދު ކުރެވޭނީ ނުވަތަ ހައްޔަރު ކުރެވޭނީ މަޖިލީހުގެ ރައީސް އަށް އެކަން އެންގުމަށް ފަހު އެވެ.
އެ މާއްދާގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ އެ މާއްދާ އަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. އެ މާއްދާ އަށް އޭނާ ހުށަހެޅުއްވި އިސްލާހު އާންމު ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީން ނިންމާފައި ވަނީ މެންބަރަކު ހައްޔަރު ކުރާތާ ގިނަވަގެން 15 މިނެޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ އަމީންއާންމަށް އެކަން އަންގަންވާނެ ކަމަށެވެ.
އެ ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމުން މަޖިލީހަށް ހާޒިރުވެ ވަޑައިގަތް ތިއްބެވި 27 މެންބަރުން އެ އިސްލާހު ފާސްކުރަން ވޯޓުދެއްވި އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 18 މެންބަރަކު ވޯޓުދެއްވި އިރު ތިން މެންބަރަކު ވަކި ފަރާތަކަށް ވޯޓުދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައިރު މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އިސްލާހު ކުރަންވެސް މެންބަރަކު ވަނީ މައްސަލަ ހުށަހެޅުއްވައިފަ އެވެ. އެ މާއްދާގައި މިހާރު ބުނަނީ މަޖިލީހަށް އިތުބާރު ނެތް ކަމުގެ ވޯޓެއްގެ މައްސަލަ ވައްދާފައި ވަނިކޮށް މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ހަމަ އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް އިތުރު އިސްލާހެއް ވެސް ގެނަ އެވެ. އެއީ މަޖިލީހުގެ ގަވާއިދަށް 219 ވަނަ މާއްދާ އިތުރުކުރުމެވެ. އާންމު ކޮމެޓީން ހުށަހެޅި އެ މައްސަލައިގައިވާ ގޮތުން އަލަށް އިތުރުކުރާ އެ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާ އެއްވެސް ތަނެއްގައި އެއްވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފް ވާހަކައެއް ދެއްކުން މަނާކުރެ އެވެ. މާއްދާ އިތުރުކުރަން ފެންނަކަމަށް 35 މެންބަރަކު ވޯޓުދެއްވި އެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ހަތް މެންބަރަކު ވޯޓް ދެއްވި އިރު ހަތަރު މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެ އެވެ.