އދ އިން ފަލަސްތީނު މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަތުމަކީ މެދު އިރުމަތީގެ ސުލްހައަށް ލިބުނު ވަރަށް ވަރުގަދަ ބާރެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުއް ސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނަށް އދގެ "ނޮން މެމްބަރު އޮބްޒާވާ ސްޓޭޓް" ސްޓޭޓަސް ދިނުމަށް ފާސްކުރުމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއް މެދުވެރިކުރައްވާ ފޮރިން މިނިސްޓަރު ސަމަދު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް އދ އިން ގަބޫލުކޮށް، ރޭ ފާސްކުރި ގަރާރުގެ ސަބަބުން ސުލްހައިގެ ވާހަކަތައް ފެށުމަށްހުރި ފުރުޞަތުތައް ފުޅާވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

"އެ ގަރާރަކީ މެދުއިރުމަތީގެ ސުލްހައަށް ލެވުނު ވަރަށްވަރުގަދަ ބާރެއް،" ސަމަދު ވިދާޅުވި އެވެ.

ދިވެހި ރާއްޖެއާއި އިތުރު 70 ވަރަކަށް ގައުމުން ކޯ- ސްޕޮންސާ ކޮށްގެން އާންމު މަޖިލީހަށް ހުށަހެޅި އެ ގަރާރު ރޭ ފާސްވުމުން އދ ގެ އާންމު މަޖިލީހުގެ ބަހުސުތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އދ. ގެ އެކި އެޖެންސީތަކުގެ މެމްބަރަކަށްވުމުގެ ފުރުސަތު ފަލަސްތީނަށް ލިބިގެންދާނެ އެވެ.

އެ ގަރާރު ފާސްކުރަން ރާއްޖެއާ އެކު 138 ގައުމަކުން ވޯޓްދިނެވެ. އެ މައްސަލައިގާ އެއްވެސް ކޮޅަކަށް ވޯޓް ނުދީ 41 ގައުމަކުން ތިބި އިރު ނުވަ ގައުމަކުން ވޯޓްދީފައި ވަނީ ދެކޮޅަށެވެ. އެ ގަރާރަށް ނޫނެކޭ ބުނެފައި ވަނީ އިސްރާއީލާއީ އެމެރިކާ އާއި ކެނެޑާއާއި ޗެކް ރިޕަބްލިކާއި ޕެނަމާ އާއި މާޝަލް އައިލެންޑްސް އާއި މިކްރޮނޭސި އާއި ނައުރޫ އާއި ޕަލާއޫ އެވެ.