30 Nov 2012, 15:51
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެބްސައިޓް "އެމްއޭސީއެލް.އެއިރޯ" ރޭގެ ވަގުތެއްގައި ބަޔަކު ހެކްކުރުމަށް ފަހު، ވަރުގަދަ އިންޒާރުގެ މެސެޖްތަކެއް އެ ވެބްސައިޓްގައި ޕޯސްޓްކޮށްފި އެވެ.
"އިންޑިއާޝެލް" ކިޔާ ހެކަރުންގެ ގުރޫޕަކުން އެ ވެބްސައިޓްހެކް ކޮށްފައިވަނީ ރޭ 11:00 ޖަހާކަންހާއިރު އެވެ. ހެކްކުރުމަށް ފަހު އެ ގްރޫޕުން އެ ވެބްސައިޓުގައި ލިޔެފައިވާ އިންޒާރުގެ ނޯޓިސްގައިވަނީ؛ "އެމްއޭސީއެލް! އަހަރެމެން ކަލޭމެންގެ ހަރަކާތްތަކަށް އަބަދުވެސް ބަލަމުންގެންދާނަން. އަދި އަހަރުމެންނާ ތިގޮތަށް ޖައްސާލައިގެން އުޅެންވެއްޖިއްޔާ، ހަލާކުވެދާނީ. ހަނދާން ކުރާތި! އަހަރުމެންނާ ތިގޮތަށް ކުރިމަތިލައިގެން ދުވަހަކުވެސް ކާމިޔާބެއް ނުވާނެ! އިންޑިޔާއަށްޓަކައި އަހަރުމެން މިތިބީ ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް،" ކަމަށެވެ.
އަދި ލިޔެފައިވަނީ؛ "ދިވެހިރާއްޖެއިން އިންޑީއާގެ ގަދަރުވެރި ކުންފުނިތައް ބަދުނަމުކުރުން ހުއްޓާލާފަ ސަލާމަތާ ރައްކާތެރި ކަމާއެކު ވެބްސައިޓެއް ހިންގަން ފުރަތަމަ ދަސްކުރޭ. ކަލޭމެނަށް އެބްސައިޓެއްގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ކިހިނެއް އެއާޕޯޓެއް ރައްކާތެރިކަމާއެކު ހިންގާނީ."
ހެކަރުންގެ ވެބްސައިޓް ހެކްކުރުމަށް ފަހު ވެބް ސައިޓްގެ ވޯލްގައި ބޮޑު ދެލޯ ލާފައިވާ ކުރެހުމެއް ސިފަވާގޮތަށް އިންޑިއާގެ ދިދަ ފާޅުވާ ކުރެހުމެއް ވަނީ ޕޯސްޓްކޮށްފަ އެވެ.
އެމްއޭސީއެލްގެ ވެބްސައިޓް ހެކްކޮށްފައި މިވަނީ އެއާޕޯޓު ޖީއެމްއާރުގެ އަތުން ނެގުމަށް ހަތް ދުވަހުގެ ނޯޓިސް ދިނުމަށް ފަހު ޖީއެމްއާރުގައި ތިބި މުވައްޒަފުންގެ ތެރެއިން އެމްއޭސީއެލްއަށް ވަންނަން ބޭނުންވާ މުވައްޒަފުންނަށް އެ ކުންފުނީގެ ވެބް ސައިޓުގައި އެ ފުރުސަތު އިއްޔެ މެންދުރު ހުޅުވާލިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.