ހަށިގަނޑުގެ ބޭރުފުށުގައި ކިލާ ނުވަތަ ހިރަފުސް އުނގުޅިއްޖެނަމަ ދޮވެލައިގެން އެކިލާ ނުވަތަ ހިރަފުސް ފިލުވައިލެވިދާނެއެވެ. ނަމަވެސް ހަށިގަނޑުގެ އެތެރެފުށުގައި ނުބައެއް އުފެދިއްޖެނަމަ ދޮވެލައިގެންނެއް އެކަމެއް ރަނގަޅެއް ނުކުރެވޭނެއެވެ. ދީނީގޮތުންވެސް ކަންތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. މީހަކަށް ދީނީގޮތުން ބަލާއިރު އާދައިގެ މަތިމަތީގެ ކުށެއް ކުރެވުނު ކަމުގައި ވިޔަސް މާތްﷲ ގެ ރަޙްމަތްވަންތަކަމުން އެމީހަކަށް ޢަފޫކުރެއްވުމަކީ އުއްމީދުކުރެވިދާނެ ކަމެކެވެ. ނަމަވެސް އެމީހެއްގެ ފާފަވެރިކަން އެމީހެއްގެ ހަށިގަނޑާއި ފުރާނަ އޭގެ ދާއިރާއަށް ގެންގޮސް އެމީހެއްގެ ހިތް ކަނުކޮށްފިނަމަ އެމީހަކު އެހެރީ އެކަމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ.


ބައެއް މީހުންނަށް ފަހަރެއްގައި ފާފައެއް ކުރެވުނު ކަމުގައި ވިޔަސް އެބައިމީހުންގެ ހިތާއި ފުރާނަ އެކަމުގައި ބައިވެރިއެއް ނުވެއެވެ. އެބައިމީހުނަށް ފާފައެއް ކުރެވުނުކަމުގެ އިޙުސާސް އެބައިމީހުންގެ ހިތަށް އަނިޔާދެއެވެ. ޟަމީރަށް އުނދަގޫކުރެއެވެ. ތިމަންމެންނަށް ކުރެވުނު ފާފަވެރި ޢަމަލާމެދު އަމިއްލަ ނަފުސު ދެކެ ނަފުރަތުވެއެވެ. އެބައިމީހުން ތިމަންމެންނަށް ކުރެވުނު ފާފަޔާމެދު ލަދުވެތިވެއެވެ. ޝައިޠާނާގެ ކިބައިން ސަލާމަތްކުރެއްވުން އެދި ދުޢާކުރެއެވެ. މާތްﷲގެ ޙަޟުރަތަށް އެނބުރި އިޢާދަވެއެވެ. ފާފަފުއްސެވުން އެދި ދުޢާކުރެއެވެ. މިފަދަ މީހުންގެ އެތެރެފުށުގެ ޙާލަތު އެ ސާބިތުކުރަނީ އެބައިމީހުންގެ ފާފަޔަކީ މަތިމަތީގެ ފާފައެއް ކަމެވެ. އެބައިމީހުންގެ ރޫޙުތަކަކީ ފާފަވެރި ރޫޙުތަކެއް ނޫންކަމެވެ. އެބައިމީހުންގެ ކުށުގެ މިސާލަކީ އެތެރެފުށުގެ ނިޒާމު ދުޅަހެޔޮކޮށް ހުރި މީހެކެވެ. ކޮންމެވެސް ސަބަބަކާހުރެ އެމީހެއްގެ ހަށިގަނޑުގައި ހަޑި އެއްޗެއް ހޭކުނީއެވެ. އެހެންކަމުން އެފަދަ މީހުންނަށް ޠާހިރުވެވިދާނެއެވެ. އަރަހުށި މާތްﷲގެ ރަޙުމަތްފުޅުން އެފަދަ މީހުން ޠާހިރުކޮށްދެއްވާނެއެވެ. ސުވަރުގޭގެ ސާފުޠާހިރު ދުނިޔޭގައި އާބާދުވުމުގެ އެކަށޭނަކަން ލިބިގެންވާ ބަޔަކަށް ހައްދަވައިދެއްވާނެއެވެ.


ދެވަނަ ބާވަތުގެ މީހުންނަކީ އެބައިމީހުންގެ ފާފަވެރިކަން އެބައިމީހުންގެ އެތެރެފުށާ ގުޅިފައިވާ މީހުންނެވެ. އެބައިމީހުންގެ ގުނަވަންތަކުން އެކުރާ ފާފަވެރި ޢަމަލުތަކަކީ ހިތާއި ސިކުނޑީން ވިސްނައިގެން ރާވައިދޭ މަޝްރޫޢުތައް ކަމުގައި ހިމެނޭ މީހުންނެވެ. އެބައިމީހުންގެ ފާފަވެރި ޢަމަލަކީ ވަގުތީ ޖަޒުބާތެއްގެ ނަތީޖާކަމުގައި ނުހިމެނޭ މީހުންނެވެ. އަދި ކީއްތޯއެވެ. އެކަންކަމުގެ ފަހަތުގައި ހަސަދައާއި، ގަރުބައާއި، ކިބުރުވެރިކަމާއި، ބަދަލުހިފުމާއި، ބޯހަރުކަން ފަދަ އެތެރޭގެ ނުބައި ޖަޒުބާތުތައް މަސައްކަތްކޮށްފައިވާ މީހުންނެވެ. އެބައިމީހުންގެ ބޭރުފުށުގެ ޢަމަލުގައި އެބައިމީހުންގެ އެތެރޭގެ އިޙުސާސް ފުރިހަމަޔަށް ބައިވެރިވެފައިވާ މީހުންނެވެ. އެބައިމީހުން ތިމާމެންގެ ޢަމަލުތަކާމެދު ކުޑަކޮށްވެސް ދެރައެއްނުވެއެވެ. ލަދުވެއްޗެއް ނުވެއެވެ. މާތްﷲގެ ކިބަފުޅަށް ރުޖޫޢައެއް ނުވެއެވެ. މިފަދަ މީހުންގެ ފާފަޔަކީ މަތިމަތީގެ ކަމެއް ނޫނެވެ. އެބައިމީހުންގެ ޝަޚްސިއްޔަތުތަކުގެ އެންމެ ފުނުން އުފެދިފައިވާ ކަމެކެވެ. އެފަދަ މީހުންނަކީ މާތްﷲ އެބައިމީހުންގެ ނަފުސުތައް ޠާހިރުކޮށްދެއްވުމުން މަޙްރޫމުވާނެ މީހުންނެވެ. އާޚިރަތްދުވަހުން ނަރަކަ ޙައްޤު މީހުން ކަމުގައި ނިޔާކަނޑައެޅުއްވޭނެ މީހުންނެވެ.


އެންމެ ފުރަތަމަ ދެންނެވި ބާވަތުގެ މީހުން ދުނިޔެމަތީގައި ތިމާމެންގެ އަމިއްލަ ނަފުސު ހިސާބުކޮށް އަރަނި ދަރަނި ސާފުކުރަމުން ގެންދެއެވެ. އެހެންކަމުން އެފަދަ މީހުން އާޚިރަތުގެ ޙިސާބު ބެއްލެވުމުން ސަލާމަތްވެއެވެ. ދެވަނަޔަށް ދެންނެވި ބާވަތުގެ މީހުން ތިބޭނީ ދުނިޔެމަތީގައި ތިމާމެންގެ ހިސާބުކުރުމާމެދު ޣާފިލުވެފައެވެ. މިފަދަ މީހުންނަކީ އާޚިރަތްދުވަހުން ހިއްޕަވައިގަންނަވާނެ މީހުންނެވެ. އާޚިރަތްދުވަހުން ހިއްޕަވައިގެންފި މީހަކަށް ސަލާމަތްވެވޭނޭ އެއްވެސް މަގެއް ނޯންނާނެއެވެ.