30 Nov 2012, 14:43
ޖީއެމްއާރު މައްސަލައިގައި ބަޔަކު ނިކުމެ މި ގައުމުގެ ތެރޭގައި ބޮޑު ޚިޔާނާތެއް ހިންގައި ތިން އަހަރުގެ ނިދިން ރައްޔިތުން މަހްރޫމް ކޮށްލި އިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ ނިދާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅު ވެއްޖެ އެވެ.
"ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ" ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި މިހާރު ހުންނެވި އައްބާސް އާދިލް ރިޒާ ވިދާޅުވީ މިފަދަ ބޮޑު ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެ އެކަމަށް ތިން އަހަރު ވެގެންދިޔަ އިރު ވެސް އޭސީސީ އިން އަދި ވެސް ރިޕޯޓް ހެދުމުގެ މަސައްކަތް ކުރަނީ ކަަށެވެ. އައްބާސް ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ތިން މައްސަލެއެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނި ކަމަށާއި، އެ މީހުން ފުރައިގެން ދިޔަ އިރު ވެސް ބެލުމުގެ މަސައްކަތް ނުނިމޭ ކަމަށެވެ.
"މިފަދަ ބޮޑު ޚިޔާނާތެއް ގައުމަށް ވެފައިވާ ދަނޑިވަޅުގައި ވެސް އޭސީސީ އޮތީ ނިދާފައި. މިއަހަރުގެ ޖޫމްމަހުގެ ތެރޭގައި ވެސް ވިދާޅުވި ތިން މައްސަލަ އެބަބަލަމޭ. ހަމަ ބަލަނީ، ބަލަނީ، ބަލަނީ އިނގޭތޯ. އެމީހުން ދިޔައިމައި ވެސް ބަލަނީ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ކޮރަޕްޝަން ބޯޑުން ވެސް ޖީއެމްއާރު މައްސަލަބަލައި ނިންމުމަށް ފަހު އެ މައްސަލަ ޝަރީއަތަށް ފޮނުވައި އިންޑިއާގައި ވެސް އެ މީހުން ކަންކޮށްފައި އޮތީ އެތަނުގެ ގާނޫނުތަކާ ޚިލާފަށް ކަމަށް ޝަރީއަތުން ހުކުމް ވެސް ކޮށްފައިވާ ކަމަށެވެ. ނަަމަވެސް އަޅުގަނޑުމެންގެ މުއައްސަސާތައް އަދި ވެސް ބެލުމުގެ މަަސައްކަތުގައި އަވަދިނެތިފައި ތިބީ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"އިންޑިއާގެ އެންޓި ކޮރަޕްޝަން ކޮޝަނުން މިކަން ބަލައިފި. ގައިމު ލައްކަ އޮފީސްތަކާއި ލައްކަ މީހުންގެ ލައްކަ ބަޔާންތަށް ނަގާނެ ދެއްތޯ؟ އެހެންނަމަވެސް އެކަން އެމީހުން ނިންމާލައިފި. މައްސަލަ ކޯޓަށް ފޮނުވާ ކޯޓުން ހުކުމް ވެސް ކޮށްފި. އެ ބޭފުޅުން އެކަން ކޮށްފައި އޮތީ އިންޑިއާގެ ގާނޫނާ ވެސް ޚިލާފަށް،" އައްބާސް ވިދާޅުވި އެވެ.
ޖީއެމްއާރު މައްސަލައިގައި އެސީސީ އޮތީ އަދިވެސް ނިދާފައި ކަމަށް އައްބާސް ވިދާޅުވި އިރު އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވެސް ޖީއެމްއާރު ބޭރުކުރާ ދުވަހު ރާއްޖެ އިން ބޭރަށް ފޮނުވާލާނެ ކަމަށް ވިދާޅުވެ އޭނާ އަށް ފާޑު ވިދާޅުވުމާ ގުޅިގެން އައްބާސް އަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. އެ މައްސަލައާ ގުޅިގެން ޕާޓީން ވެސް ވަނީ ދުރަށް ޖެހި ވަޑައިގެންފަ އެވެ. އަދި އެއަށް ފަހު ތަރުޖަމާނު ކަމުން ވަކިކުރައްވައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ވެސް އައްބާސް މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.