30 Nov 2012, 14:35
އދ. މަޖިލިސް (ނޮވެމްބަރ 30): ޕީއެލްއޯ ޖަމާއަތަށް ދީފައިވާ އދ.ގެ އޮބްޒާވަރުކަމުގެ މަގާމުން ފަލަސްތީނުން އިޢުލާންކޮށްފައިވާ މިނިވަން ދައުލަތަށް އދ.ގެ އޮބްޒާވަރުކަމަށް އދ. މަޖިލީހުގައި ފަލަސްތީނުގެ ދަރަޖަ މަތިވެގެންދިޔުމަކީ އދ.ގެ އެހެން ޖަމްއިއްޔާތަކުގެ ފުރިހަމަ މެންބަރުކަން ލިބުމުގެ ފުރްސަތު ފަލަސްތީނަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއްޖެ އެވެ.
އދ.ގައި ތިއްބަވާ ޑިޕްލޮމޭޓުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުން އިޢުލާންކޮށްފައިވާ މިނިވަން ދައުލަތަށް އދ.ގެ އޮބްޒާވަރުކަން ލިބިގެން ދިޔުމަކީ ފަލަސްތީނުގެ ދައުލަތް އދ.ން ގަބޫލުކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ބެލެވިދާނެ ކަމެކެވެ.
މިގޮތުން ދާދިފަހުން ޔުނެސްކޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިގެންދިޔަ ފަދައިން އދ.ގެ އެހެން ޖަމްއިއްޔާތަކުގެ ފުރިހަމަ މެންބަރުކަން ލިބުމުގެ ފުރްސަތު މިކަމުގެ ސަަބަބުން ފަލަސްތީނަށް ފަހިވެގެންދާނެ ކަަމަށް މިފަރާތްތަކުން ދެކެ އެވެ. މިގޮތުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފުރިހަމަ މެންބަރަކަށް ވުމުގެ ފުރްސަތު ވެސް މިކަމުގެ ސަބަބުން ފަލަސްތީނުގެ ދައުލަތަށް ވަނީ ފަހިވެފައި ކަމަށް ޑިޕްލޮމޭޓުންް ވިދާޅުވެ އެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފުރިހަމަ މެންބަރަކަށް ވެވުމުން ފަލަސްތީނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އިސްރާއީލުގެ އިސްވެރިން ބައިނަލްއަޤްވާމީ ކޯޓަށް ޙާޒިރުކުރުމުގެ ފުރްސަތު ލިބިގެން ދިޔުމެވެ.
މިއީ އިސްރާއީލުގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ އިސްރާއީލުގެ ހިމާޔަތުގައިތިބޭ ހުޅަނގުގެ ގައުމުތައް ވަރަށް ކަންބޮޑުވާ ކަމެކެވެ. މިގޮތުން އިނގިރޭސިވިލާތުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުކުރެވިފައިވާ އިސްރާއީލުގެ އިސްވެރިންގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ފަލަސްތީނުން ނުގެންދާ ނަމަ ފަލަސްތީނަށް ތާއީދުކޮށް ޖެނެރަލް އެސެމްބްލީގައި ވޯޓުދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަލަސްތީނުން ވަނީ އިނގިރޭސީންގެ މިޝަރުތާ ދެކޮޅު ހަދާފަ އެވެ.
އިސްރާއީލުގެ އަސްކަރީ އަދި ސިޔާސީ ގިނަ މަސްއޫލުވެރިންނަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅުންނެވެ. (އަލްޖަޒީރާ)