30 Nov 2012, 14:13
ނިޔުޔޯކް (ނޮވެމްބަރ 30): އދ. އިން ފަލަސްތީނަށް އޮބާޒާވަރު ދައުލަތެއްގެ ދަރަޖަ ދިނުމުން އެމެރިކާ އާއި އިސްރާއީލުން ރުޅިވެރިކަން ފާޅުކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރާ ސޫޒާން ރައިސް ވަނީ އދ. އިން ފަލަސްތީނަށް އޮބާޒާވަރު ދައުލަތެއްގެ ދަރަޖަ ދިނުމަކީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށް ސިފަކުރައްވާފަ އެވެ. އޭނާ ވަނީ ފަލަސްތީނަށް އެންމެ ރަނގަނޅު ގޮތަކީ އިސްރާއީލާއި ވާހަކަ ދައްކައިގެން އިސްރާއީލު ގަބޫލުވާގޮތެއްގެ މަތިން ކުރިޔަށްދިޔުން ކަމަށާއި އދ.ގައި ފަލަސްތީނަށް ލިބުނު ކާމިޔާބީއަކީ ފަލަސްތީނުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. ދުނިޔޭގައި ފަލަސްތީނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ކުރި ވަރުގަދަ ކޭމްޕޭން ފޭލްވެ ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤަައުމުން ފަލަސްތީނަށް ތާއީދުކޮށް ވޯޓު ދިނުމުގެ ސަބަބުން އެކަހެރިވެފައިވާ އިސްރާއީލުން ވެސް ދައްކާފައި ވަނީ މިފަދަ ވާހަކަތަކެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ ފަލަސްތީނުން އދ. އަށް ދިޔުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ސިފަކުރައްވައި ފަލަސްތީނުގެ މުސްތަގްބަލާ ބެހޭ ގޮތުން އިސްރާއީލާ ވާހަކަ ދެއްކުމަށް ގޮވާލައްވާފަ އެވެ. ފަލަސްތީނުން އިސްރާއީލާ ސުލްޙައިގެ ވާހަކަތައް ދައްކާތާ 18 އަހަރުވި އިރު ވެސް އިސްރާއީލު ވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ހައްޤުތައް ދިނުމަށް ދެކޮޅު ހަދާފަ އެވެ. އދ. ން ފަލަސްތީނަށް އޮބާޒާވަރު ދައުލަތެއްގެ ދަރަޖަ ދިނުމަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމި އިރު މީގެ ކުރިން ފަލަސްތީނަށް ލިބިފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްކަމަށްވާ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން'(ޕީއެލްއޯ) އަށް ދީފައިވާ އޮބްޒާވަރުގެ ދަރަޖަ އެވެ.
އދ.ގައި ފަލަސްތީނު ތަމްސީލުކުރާ ދަރަޖަ މަތިކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އދ.ގެ މެންބަރުން ގެގޮތުގައި ހިމެނޭ 193 ގައުމުގެ ތެރޭން 138 ގައުމު ފަލަސްތީނުގެ ދައުލަތަށް އޮބްޒާވަރުކަމުގެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓު ދީފައިވެ އެވެ. ފަލަސްތީނާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ ނުވަ ގައުމެކެވެ. މީގެތެރޭގައި ހިމެނެނީ އެމެރިކާ އާއި އިސްރާއީލާއި ޗެކްރިޕަބްލިކް އައި ކެނެޑާގެ އިތުރުން އިޤްތިސާދީ ގޮތުން އެމެރިކާ އަށް ބަރޯސާކުރާ ކުޑަކުޑަ ހަތަރު ގައުމެވެ. އެއީ ޕެނަމާ އާއި މާޝަލް އައިލެންޑާއި މައިކްރޮނީޝިޔާ އާއި ޕަލާވު އެވެ. އެމެރިކާ އާއި ޗެކްރިޕަބްލިކާއި ކެނެޑާއަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ ތިންގައުމެވެ.
މީގެ އިތުރުން 41 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނު ހިމެނެ އެވެ. ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން ފަލަސްތީނާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ ގައުމަކުންނެވެ. އެއީ އެމެރިކާ އިންނެވެ. އިނގިރޭސިވިލާތުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެ އެވެ. ރަޝިޔާ އާއި ޗައިނާ އާއި ފަރަންސޭސިވިލާތުން ވޯޓު ދީފައި ވަނީ ފަލަސްތީނަށް ތާއީދުކޮށެވެ. ޖެނެރަލް އެސެމްބަލީގެ ވޯޓު މިހާތަނަށް ވެސް އަޣްލަބިއްޔަތަކުން ފަލަސްތީން ކާމިޔާބު ކުރުމަކީ އެމެރިކާ އާއި އިސްރާއީލު ދުނިޔޭގައި އެކަހެރިވެފައިވާ މިންވަރު ހާމަކޮށްދޭ ކަަމެއް ކަމެކެވެ. އަދި މިއީ ފަލަސްތީނުގެ މައްސަލާގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ދުނިޔޭގެ ގައުމުތަކުން ގަބޫލުނުކުރާ މިންވަރު ހާމަވެ، އެމެރިކާ ލަދުގަންނަވާލި ކަމެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
މި ވޯޓު ފަލަސްތީނަށް ކާމިޔާބު ވިޔަނުދިނުމަށް އެމެރިކާ އާއި އިސްރާއީލު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރި ބުރަމަސައްކަތްތައް ނާކާމިޔާބު މިންވަރު ވެސް މިވޯޓުން ވަނީ ހާމަވެފަ އެވެ. އދ.ގައި ފަލަސްތީނުގެ ދަރަޖަ މަތިކުރުމަށް ޓަކައި ވޯޓަށް ގޮސްފި ނަމަ ފަލަސްތީނަށް އެމެރިކާ އިން ދޭ އިންސާނީ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު އެތައް ފަހަރަކު އެމެރިކާ ދީފައިވެ އެވެ. އިސްރާއީލު ވެސް ވަނީ މިވޯޓަށް ގޮސްފި ނަމަ ފަލަސްތީނަށް ޓެކްސްގެ ގޮތުގައި ފަލަސްތީނުގެ އެތެރެއިން ލިބޭ ޓެކްސް ފައިސާ ނުހައްޤުން އަތުލާނެކަމުގެ ބިރު ވެސް ރައީސް މަހްމޫދު ޢައްބާސް އަށް ދައްކާފަ އެވެ. (އަލްޖަޒީރާ)