އިންޑިއާއިން ރާއްޖެ އަށްދޭ އެހީތަކާ މެދު އިންޑިއާ އިން ދެ ވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާގެ ދުވަހު ނޫސް، "ދަ ހިންދޫ އަށް" އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައި ވަނީ ޖީއެމްއާރު ކޮންޓްރެކްޓާ މެދު ދިވެހި ސަރުކާރުން އަމަލުކުރި ގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫނާރައި ނުދާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ އެ އަމަލުގެ ސަބަބުން ރާއްޖެ އަށް އިންޑިއާ އިން ދެމުން އަންނަ ގިނަ އެހީތަކަށް އަސަރު ކޮށްފާނެތޯ ދެންނެވުމުން އެ ގައުމުގެ އޮފިޝަލަކު ވިދާޅުވި ކަމަށް ނޫހުގައި ބުނެފައި ވަނީ؛ "މި ވަގުތު އެ ކަންތައްތަކާ [ރާއްޖެ އަށް ދޭ އެހީތަކާ] މެދު އެ ގައުމުން ވިސްނަންޖެހިފައިވާ،" ކަމަށެވެ.

އިންޑިއާގެ އޮފިޝަލުން އެ މޭރުމުން ވާހަކަ ދެއްކެވި އިރު ޖީއެމްއާރުގެ ކޮންޓްރެކްޓް ބާތިލް ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ ނިންމުމުގެ ސަބަބުން އެ ދެވުނީ ވަރަށް ނުބައި މެސެޖެއް ކަމަށާއި ރާއްޖޭގައި ހުރި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ދަ ހިންދޫ އަށް ވާހަކަ ދެއްކެވި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރު އެގްރިމަންޓް ބާތިލް ކުރީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން ދަނިކޮށް ކަމަށް ވުމުން އެ މައްސަލައިގައި ޖީއެމްއާރަށް އިންޑިއާ އިން ބެކިން ކުރަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިންޑިއާގެ އެއްވެސް މަސްލަހަތަކަށް ގެއްލުންވާ ނަމަ "އެކަން ކުޑަކަމެއް"ގެ ގޮތުގައި އެ ގައުމުން ނުނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އަދި ރާއްޖޭގައި އަވަހަށް އިންތިހާބެއް ބޭއްވުމަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މައިދާނަށާއި ރާއްޖެ އަށް ހަމަޖެހުން އަންނާނެ ހަމައެކަނި ގޮތް ކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

ޖީއެމްއާރުގެ އެގްރިމަންޓް މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށް ހަތް ދުވަހުގެ ނޯޓިސްއެއް ދިން ނަމަވެސް ޖީއެމްއާރުން ބުނެފައި ވަނީ އެ ނޯޓިސްއަކީ އެގްރިމަންޓާ ހިލާފަށްދިން ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްއާ އެއްގޮތަށް އަމަލުކުރަމުން ނުދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ކޮންޓްރެކްޓްގެ ބާތިލު ކުރުމަށް ދިން މުއްދަތަށް ފަހު ޖީއެމްއާރުގެ މުވައްޒަފުންގެ ވީސާ އާ ނުކޮށްދޭނެ ކަމަށެވެ.

ޖީއެމްއާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ (އެމްއޭސީއެލް)އާ ދެމެދު ގާއިމުކޮށްފައި އޮތް އެގްރީމަންޓް ސަރުކާރުން ބާތިލު ކުރީ އެ އެގްރީމަންޓަކީ އުފެއްދި ދުވަހުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ބުނެ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރާ އެކު ކޮންޓްރެކްޓްގައި ސޮއި ކުރީ 18 ޖޫން 2010ގަ އެވެ. ކޮންޓްރެކްޓް ބާތިލް ކުރަން ސަރުކާރުން ނިންމި އެންމެ ބޮޑު ސަބަބަކީ ސަރުކާރަށް ދައްކާ ފައިސާ އިން އޭޑީސީގެ 27 ޑޮލަރު އުނިކުރަން ޖެހުމުން ސަރުކާރަށް އާމްދަނީއެއް ނުލިބި، އަދި އެއީ ނުނެގޭނެ އެއްޗެއް ކަމަށް ކޯޓުން ކަނޑައެޅުމުން ވެސް ޖީއެމްއާރުން އެކަން ގަބޫލު ނުކުރުމުންނެވެ.

އެއާޕޯޓް އޮޕަރޭޓް ކުރަން ޖީއެމްއާރަށް ހަވާލު ކުރުމުގެ އެއްބަސްވުމަކީ ރަނގަޅު އެއްބަސްވުމެއް ނޫން ކަމަށް ބުނެ، އެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެމްއޭސީއެލްގެ ކުރީގެ ބޯޑުން ދެކޮޅު ހެދުމުން އެ އެއްބަސްވުމުގައި ސޮއިކުރީ ކުއްލި އަކަށް ބޯޑް ބަދަލުކުރުމަށް ފަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހުންނާއި އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދިޔައީ ޖީއެމްއާރު އެގްރީމަންޓަކީ އަޑިނޭނގޭ އެއްބަސްވުމެއް ކަމަށް ބުނެ އެކަމަށް އިންކާރު ކުރަމުންނެވެ.