30 Nov 2012, 12:36
ސިންގަޕޫރުގެ އާބިޓްރޭޝަނަށް ވައްދާފައިވާ މައްސަލަ ނިމެންދެން ސަރުކާރުން ފޮނުވާފައިވާ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ޖީއެމްއާރުން މިއަދު ސިންގަޕޫރުގެ ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދިއްޖެ އެވެ.
ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އާބިޓްރޭޝަންގައި އޮތް ޖީއެމްއާރުގެ މައްސަލަ ނިމެންދެން ރާއްޖޭގައި ޖީއެމްއާރަށް ތިބެވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް ސިންގަޕޫރުގެ ހައިކޯޓަށް އެ ކުންފުނިން މައްސަލަ ވެއްދީ މިއަދު ކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު ބާއްވާފައިވާ އިރު އެ އަމުރު މިއަދުން މިއަދަށް ނެރެދިނުމަށް އެދުނު ނަމަވެސް އެ އަމުރު މިއަދު އެ ކޯޓުން ދީފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ވެސް ވިދާޅުވި އެވެ.
ޖީއެމްއާރާ އެކު ސަރުކާރުންވެފައިވާ އެއްބަސްވުން މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށް ޖީއެމްއާރަށް ހަތް ދުވަހުގެ ނޯޓިސްއެއް ސަރުކާރުން ވަނީ ދީފަ އެވެ. އަދި ތަކެތި ގެންދިޔުމަށް 30 ދުވަހުގެ ނޯޓިސްއެއް ވަނީ ދީފަ އެވެ.
އަމުރަށް އެދުނު މައްސަލައިގައި އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަންއާ ގުޅާލުމުން އޭނާ ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ހިމާޔަތްކުރަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި އެ ކުންފުނީގެ ލޯޔަރުން ސިންގަޕޫރުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވިޔަފާރި ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ އެއާޕޯޓް ހިންގުމަށް އެ ކުންފުންޏަށް ދޫކުރި ހުއްދަ އާއި އަދި ޖީއެމްއާރުގެ މުވައްޒަފުންގެ ވޯކް ޕާމިޓްތައް ބާތިލް ކުރުމަށް ނިންމާފަ އެވެ. އަދި އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އަންނަނީ އެއާޕޯޓްގެ ހިންގުން އެ ކުންފުނީގެ ދަށަށް ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.