ފުލުހުންނަށް ބިރު ދައްކައި އިންޒާރު ދިން މީހެއްގެ މައްސަލައަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް މައްސަލައިގެ ތަހުގީގު ނިންމައި އެމީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުންނަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ފުވައްމުލައް ދިގުވާޑު އޯސިސް، އަސްނަފް މުހައްމަދު19، ގެ މައްޗަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ދައުވާ ކުރަނީ ދ.ކުޑަހުވަދޫ، ހަވީރީހައުސް ހުސައިން ނަޢީމް 27، ގެ މައްޗަށެވެ.

ފުލުހުން ބުނީ މިމަހުގެ ހަތް ވަނަދުވަހު އަސްނަފްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ 11:35 ހާއިރު ހުޅުމާލެ ގްރީން އެންޑް ގްރީން މާޓް ފިހާރަ ތެރޭގައި މަސްތުގެހާލުގައި ހުރެ އަޑުގަދަކޮށް އެ ފިހާރައިގައި ތިބި މީހުންނަށް އުނދަގޫ ކުރާކަމަށް ލިބުނު މަޢޫލޫމާތަކާއި ގުޅިގެން އެތަނަށް ފުލުހުން ގޮސް އޭނާ ހައްޔަރުކުރަން މަސައްކަތް ކުރުމުން ފުލުހުންނަށް އިންޒާރު ދީ ބިރުދެއްކި މައްސަލަ އާއި ގުޅިގެން ކަމަށެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ހުސައިން ނަޢީމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަދުވަހު ދ.ކުޑަހުވަދޫގައި ފުލުހުން ކޯޑަންކޮށް ބަންދުކޮށްފައިވާ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާއި ގުޅިގެންނެވެ.

އަމުރަށް ނުކިޔަމަންތެރިވި އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.