އދ.ގެ މެމްބަރަކަށް ނުވާ އޮބްޒާވަރެއްގެ ގޮތުގައި އޮންނަ ދައުލެއްގެ ގޮތުގައި އދ. އިން ފަލަސްތީނު ގަބޫލުކޮށްފި އެވެ.

އދ. އިން އެކަން ރޭ ފާސްކުރީ 138 ގައުމަކުން ވޯޓްދީގެންނެވެ. އެ މައްސަލައިގާ އެއްވެސް ކޮޅަކަށް ވޯޓް ނުދީ 41 ގައުމަކުން ތިބި އިރު ނުވަ ގައުމަކުން ވޯޓްދީފައި ވަނީ ދެކޮޅަށެވެ.

"ނަން މެމްބާ އޮބްޒާވާ ސްޓޭޓް" އެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނޫނެކޭ ބުނެފައި ވަނީ އިސްރާއީލާއީ އެމެރިކާ އާއި ކެނެޑާއާއި ޗެކް ރިޕަބްލިކާއި ޕެނަމާ އާއި މާޝަލް އައިލެންޑްސް އާއި މިކްރޮނޭސިއާއި ނައުރޫއާއި ޕަލާއޫ އެވެ.

ފަލަސްތީނަށް އެދަރަޖަ ދޭން ރޭ ފާސްކުރުމާ އެކު އދ.ގެ އާއްމު މަޖިލީހުގައި ތިއްބެވި ފަލަސްތީނުގެ ވަފުދުގެ ފަހަތުގައި ފަލަސްތީނު ދިދައެއް ނެގި އެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރަމުން އަންނަ ޕެލަސްޓީނިއަން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް އެމަޖިލީހުގައި ތަގުރީރުކުރެއްވި އެވެ.

ތަގުރީރުގައި އައްބާސް ވިދާޅުވީ ފަލަސްތީނު މީހުންގެ ބޭނުމަކީ އިސްރާއީލް ޣައިރު ގާނޫނީ ދައުލަތަކަށް ހެދުން ނޫން ކަމަށެވެ.

އދ.ން ރޭ ނިންމި ނިންމުމަކީ އުފެއްދުންތެރި ނިންމުމެއް ނޫން ކަމަށް އެމެރިކާއިން ބުންޏެވެ. އަދި އިސްރާއީލުން ބުނެފައި ވަނީ އެއީ މާނައެއް ނެތް ނިންމުމެއް ކަމަށެވެ.