30 Nov 2012, 10:40
އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންނަކީ އެއްބަޔަކު އަނެއް ބައެއްގެ ހަޔާތާ ގުޅިފައިވާ ގުޅުމެއް ކަމަށާއި އެހެން ނަމަވެސް ދެ ގައުމެއްގެ ގުޅުމެއްގެ މުހިއްމުކަން ބައެއް ފަހަރު ދެނެނުގަނެވޭ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ ޓެކްނިކަލް އަދި އިގްތިސާދީ އެއްބާރުލުމުގެ ދުވަސް (އައިޓެކްޑޭ) ފާހަގަކުރުމަށް ހައިކޮމިޝަނުގެ ގޯތިތެރޭގައި ރޭ ބޭއްވި ޖާފަތެއްގައި ވާހަކަފުޅުދައްކަވަމުން މުލޭ ވިދާޅުވީ މިދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ އިވެމުންދާ ހަބަރުތައް ރަނގަޅު ނޫން ދުވަސްވަރެއްގައި ކަމަށެވެ.
"އެކުވެރިކަމުގެ ދުވަހެއް މިފާހަގަކުރެވެނީ އިވެމުންދާ ހަބަރުތައް ހިތްގައިމު ނޫން ދުވަސްވަރެއްގައި. މިއީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮމިކް ކޯޕަރޭޝަން [އައިޓެކްގެ ޕްރޮގްރާމްތަކަކީ] އަޅުގަނޑުމެންނަށް އުއްމީދު ގެނެސްދޭ ސަބަބަތައް. މިއީ ތަޖުރިބާތައް. ދެ ގައުމެއް ނުވަތަ މުޖްތަމައެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ މުހިއްމުކަން އަޅުގަނޑުމެންނަށް ބައެއް ފަހަރު ދެނެއެއް ނުގަނެވޭ،" މުލޭ ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ގުޅިލާމެހިފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ ފިޔަ އިން ފެށިގެން ގޮސް ހިލަވެއްޔާ ހަމައަށް ރާއްޖެ އަށް ގެންނީ އިންޑިއާ އިން ކަމަށެވެ.
"މިސާލަކަށް ރާއްޖޭގައި ނުހުންނާނެ ގޭބިސީއެއް އިންޑިއާގެ ސީރީސްތައް ނުބަލާ. އަޅުގަނޑުމެން އަބަދުވެސް މިދަނީ އެއްބަޔަކު އަނެއް ބައެއްގެ ދިރިއުޅުމަށް އަސަރުކުރުވަމުން. ކަން މިހެން ހުއްޓަސް އަޅުގަނޑުމެންނަށް ބައެއް ފަހަރު މިގުޅުމުގެ މުހިއްމުކަން އަންޑައެސްޓިމޭޓް ކުރެވޭ." މުލޭ ވިދާޅުވި އެވެ.
އައިޓެކް ޕްރޮގްރާމްގެ މުހިއްމުކަމާއި ފައިދާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ ރާއްޖޭގައި އެ ޕްރޮގްރާމް ކުރިއަށް ގެންދެވޭ ގޮތާ މެދު އެހާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އައިޓެކް ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުން ހަރަދުކޮށްގެން ހިންގާ މައުލޫމާތު ބަދަލުކުރުމާއި މީހުން ތަމްރީނު ކުރުމާއި ސަގާފީ އަދި އިލްމީ ތަޖުރިބާތައް ހިއްސާކުރުމުގެ ޕްރޮގްރާމެކެވެ. އެޕްރޮގްރާމްގެ ދަށުން އިންޑިއާގެ އެހީގައި ކޯސް ހަދާފައިވާ ބައެއް ފަރާތްތަކުގެ ތަޖުރިބާ ކިޔައި ދިނުން ވެސް ރޭ އޮތެވެ.
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް އަހުމަދު ނާޒިމާއި ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާރު ރޭގެ ޖާފަތަށް ވަޑައިގެންނެވި އެވެ.