22 Sep 2010, 08:25
ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސޭލްސް އިން ތިން ޕަސެންޓްގެ ޖެނެރަލް ސޭލްސް ޓެކްސް [ޖީއެސްޓީ] ނެގުމަށް ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު އަވަސްކޮށް ދިނުމަށް ނޫނީ ގާނޫނަށް އަމަލު ކުރުން ފަސްކޮށްދިނުމަށް މަޓީ އިން ސަރުކާރުގައި އެދެފި އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުހަންމަދު މިއަދު ވިދާޅުވީ މަޓީގެ ހުށަހެޅުމަކީ އިދާރީ ގޮތުން ގާނޫނު ހިންގުމަށް ހަދަން ޖެހޭ ގަވައިދު އަވަސްކޮށްދެއްވުން ކަމަށާއި ނަމަވެސް ޓެކްސް ދިނުމަށް މަޓީން އިއުތިރާޒު ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އިދާރީ ގޮތުން ޓެކްސް ނަގާނެ ގޮތް ބަޔާން ވެގެން ދާނީ ގަވައިދުގައި ކަމަށާއި އެ ގަވައިދު ތައްޔާރުކޮށް ނިމޭނެ ކަމަށް ސަރުކާރުން ބުނަނީ ނޮވެމްބަރު މަހު ކަމަށާއި އެހާއިރު ގަވައިދު ލިބިގެން ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ޖެހޭ ގާނޫނާ އެއްގޮތަށް، ޓެކްސް ދެއްކުމުގެ އެކައުންޓިން ސިސްޓަމްތައް އުފެއްދުމަށް އުނދަގޫ ވާނެ ކަމަށެވެ.
"އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ވަގުތު ދެއްވާށޭ، އެހެންނޫނީ ތަންކޮޅެއް ލަސްކޮށްދެއްވާށޭ. ގާނޫނަށް އިސްލާހު ގެންނަ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން،" ސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޓީގެ އެދުމަކީ އެ ގަވައިދު ލަސްވެގެން އަންނަ މަހުގެ ތެރޭގައި ނިންމައިދިނުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން މަޓީގެ ފަރާތުން އިންލެންޑް ރެވެނިއުއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުން 3.5 ޕަސެންޓްގެ ސޭލްސް ޓެކްސްއެއް އަންނަ އަހަރުން ފެށިގެން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ.