13 Mar 2010, 10:23
ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ ނުއްދަކާ ހުރި ކުންފުނިތަކުން މިމަހުގެ ނިޔަލަށް ފީ ދައްކާ ނިންމުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށުން ކުންފުނިތަކުން މިއަހަރަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މުއްދަތު މިމަހުގެ 31 ގައި ހަމަވާނެ ކަމަށެވެ. އެގޮތުން މިމަސް ނިމުމުގެ ކުރިން ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިނަގެވޭނީ ގަވާއިދުގައި ބުނެފައިވާ ފަދައިން 1،000 ރުފިޔާގެ ޖޫރިމަނާއާ އެކުގައި ކަމަށެވެ. އަދި އޭޕްރިލް މަހުވެސް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ ޤާނޫނުގައި ބުނެފައިވާ ފަދައިން 2،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށްވެސް އިކޮނިމިކް މިނިސްޓްރީގެ އެ ނޫސްބަޔާނުގައިވެ އެވެ.
މެއި މަހުގެ ފަހުން ފީ ބަލައިގަތުމަށް ކުންފުންޏާ ބެހޭ ޤާނޫނުން ފުރުސަތު ދީފައިނުވާތީ އެފަދަ ކުންފުނިތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި މެއި މަހުގެ ނިޔަލަށް ފީ ނުދައްކާ ކުންފުނިތަކުން އެތާރީހުގެ ފަހުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއް ކަމަށްވެސް އިކޮނިމިކް މިނިސްޓްރީން ބުނެ އެވެ.