ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމުން އަބްދުﷲ ޖާބިރު ވަކިކުރަން އެ ޕާޓީގެ ކައުންސިލުން މިރޭ ނިންމައިފި އެވެ.

އެކަން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު ސަން އޮންލައިންއަށް ކަށަވަރުކޮށްދެއްވި އެވެ. ޖާބިރު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމުން ވަކިކުރަން ޖަލްސާއަށް ވަޑައިގެން 22 ބޭފުޅުންގެ ތެރެއިން 20 ބޭފުޅަކު ވޯޓުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރު މަގާމުން ދުރުކުރުމުގެ މައްސަލަ ކައުންސިލަށް ވެއްދީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު އެވެ. އެ މައްސަލަ އޭނާ ކައުންސިލަށް ހުށަހެޅަމުން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކުގެ ވެރިކަމުގެ ކޯލިޝަންގައި ބައިވެރިވާ ޕާޓީއެއް ކަމަށް ވާއިރު ރައީސް ވަހީދުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ވަރަށް ހުތުރު ބަހުން ރައީސް ވަހީދާ މެދު ޖާބިރު މުއާމަލާތް ކުރަމުން ގެންދާ ކަމަށެވެ. ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ޖާބިރު ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާތީ އެއީ އޭނާ އެ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ކަމަށްވެސް މޫސަ ވަނީ ސިޓީގައި ވިދާޅުވެފަ އެވެ.

ޖާބިރު ޕާޓީގެ ނައިބު ލީޑަރު ކަމުން ދުރުކުރީއިރު އެމްޑީޕީން އުތުރުގެ ތިން އަތޮޅަކަށް ކުރާ "ވައުދުގެ ދަތުރާ" ޖާބިރު ވަނީ މިއަދުގެ ވަގުތެއްގައި ގުޅިވަޑައިގެންފަ އެވެ. އެމްޑީޕީގެ ފަރާތުން އުނގޫފާރު ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އުނގޫފާރުގައި މިރޭ އެ ޕާޓީން ބޭއްވާ ޖަލްސާގައި ޖާބިރު ވަނީ ވާހަކަ ދައްކަވައިފަ އެވެ.