އިންޑިއާގެ ޖީއެމްއާރް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި މެލޭޝިއާގެ މެލޭޝިއަން އެއާޕޯޓް ހޯލްޑިން ގުޅިގެން އުފެއްދި ކޮންސޯޓިއަމް އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އެވޯޑްކުރުމުގައި އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ވޭތޯ އާއި އެކަމުގައި އެއްވެސް ޖިނާއީ އަމަލެއް ހިންގާފައިވޭތޯ ބަލައި ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

އެ ކުންފުނިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި ހުޅުވާލި ބިޑް އެވޯޑް ކުރުމުގައި ކަންތައްތައް ހިނގާފައި ވަނީ އެފަދަ އެގްރިމެންޓެއްގައި ކަންކުރަން އޮންނަ އުސޫލުތަކާ އެއްގޮތަށްތޯ އާއި އެކަމުގައި އެއްވެސް ޖިނާއީ އަމަލެއް ހިމެނޭތޯ ބައްލަވައިދެއްވުން އެދި މިއަދު އެމްއޭސީއެލް އިން ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެއާޕޯޓް ދޫކުރުމުގައި އަދި ލިބިފައިވާ ބިޑްތައް ދިރާސާކުރުމުގައި އަދި އެއާޕޯޓް ހަވާލުކުރުމުގައި އަދި އެގްރިމެންޓް ކުރުމަށް ފަހު އެއަށް ގެނައި އުނިއިތުރު ގެނެސްފައި ވަނީ އެފަދަ ކަންކަން ކުރުމުގައި އޮންނަ އުސޫލުތަކާ އެއްގޮތަށްތޯ ބައްލަވައި ދެއްވުމަށް ރިޔާޒު އަރިހުން އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެއާޕޯޓް ހިންގުން، މިހާރު އޮތް އެގްރީމަންޓްގެ ދަށުން، ޖީއެމްއާރާ ހަވާލުކުރުމަށް އެމްއެލްސީގެ ކުރީގެ ޑިރެކްޓަރުންގެ ބޯޑް އެއްބަސްނުވުމުން އެގްރީމަންޓްގައި ސޮއިކުރީ ކުރީގެ ބޯޑު ކުއްލިއަކަށް ބަދަލުކުރުމަށް ފަހު އައު ބޯޑެއް އައްޔަން ކުރުމަށް ފަހު އެވެ.

ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލައި އެއާޕޯޓް ދޫކޮށް ދިއުމަށް ޖީއެމްއާރަށް ހަފުތާއެއްގެ މުހުލަތު ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއްބަސްވުން އުވާލުމަށް ފަހު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެ އެއްބަސްވުމަކީ ސޮއިކުރި ވަގުތުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުން އުވާލުމުން އިންޑިއާ ސަރުކާރުން ބުނެފައި ވަނީ އެއީ ފޮރިން އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިސަރުކާރުން ދިން ވަރަށް ނުބައި ސިގްނަލެއް ކަމަށެވެ. އަދި އެ މައްސަލައިގާ ދިވެހިސަރުކާރާ ވާހަކަ ދައްކާނެ ކަމަށާއި ރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތަކާއި އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނަމަވެސް ޖީއެމްއާރު މައްސަލައިގާ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބައިލެޓަރަލް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓް (އެމްއޭސީއެލް) އާއި ޖީއެމްއާރާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެމްއޭސީއެލް އިން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު އަޅުގަނޑުމެން މިތިބީ،" ރައީސް ވަހީދު ވިދާޅުވި ކަމަށް ޕީޓީއައި އިން ބުނެފައިވެ އެވެ.