ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުސްވެފައިވާ ރ. އުނގޫފާރު ދާއިރާގެ ގޮޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ނާޖިހު ޖިނާހު އެ ދާއިރާގެ އިންތިހާބުގައި ވާދަނުކުރާ ގޮތަށް ނިންމަވައިފި އެވެ.

ނާޖިހު ޖިނާހު އެ ދާއިރާ އަށް ވާދަނުކުރައްވާނެކަން އިއުލާންކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުނގޫފާރުގެ ބައި-އިލެކްޝަންގައި މިފަހަރު އޭނާ ވާދަނުކުރުމަށް ނިންމާފައިވާ ކަމަށާއި އޭނާގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮތް ނަމަވެސް އޭނާ އަށް ވޯޓް ދިނުމުގެ ބަދަލުގައި އެވޯޓް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާ ޑރ. އަފްރާޝީމް އަލީގެ ކޮއްކޮަ އިބްރާހިމް އަމީން އަށް ދިނުމަށް އެދޭ ކަމަށެވެ.

ނާޖިހު ވިދާޅުވީ އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިނުލާ ގޮތަށް ނިންމީ މިވަގުތަށް އެންމެ ރަނގަޅީ ޕާޓީ ލައިނުން ކުރިއަށް ދިއުން ކަމުގައިވާތީ ކަމަށެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންނެއް ނޫން ވާދަނުކުރުމަށް ނިންމީ، އަޅުގަނޑަކީ ވެސް ޕީޕީއެމްގެ މެމްބަރެއް، އެހެންވެ މިވަގުތު ވޯޓް ބައި ބައި ނުވެ ރަނގަޅު ނަތީޖާއެއް ސަރުކާރަށް ތާއީދުކުރާ ޕާޓީ އަށް ލިބޭނީ އެގޮތުން ކަމަށް ދެކިގެން މި ނިންމުން ނިންމީ،" ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި ނާޖިހު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ބައި- އިލެކްޝަނަށް ނާޖިހާއި އަމީންގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޑރ. އަހްމަދު އަޝްރަފެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެއިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕީޕީއެމާއި އެމްޑީޕީގެ ވަފުދުތަކުން ގެންދަނީ އެ ރަށުގައި ކެމްޕޭން ކުރަމުންނެވެ.