29 Nov 2012, 18:36
ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަންސްގެ ކަންތައްތައް ވީހާވެސް އިންސާފުވެރިކަމާ އެކު ކުރިޔަށް ގެންގޮސްދިނުމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސްކޮށް، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޔުމްނާ މައުމޫން ލިޔުއްވާފައިވާ ސީޓީއެއްގައި ބުނެފައި ވަނީ އުނގޫފާރު ދާއިރާގެ ބައި- އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޑރ. އަހުމަދު އަޝްރަފްގެ އަނބިކަނބަލުން ނަކީ އިލެކްޝަންސްގެ މުވައްޒަފަކަށްވާ އިރު ފޭސްބުކް މެދުވެރިކޮށް، އަޝްރަފް އަށް ކެމްޕެއިން ކޮށްދެއްވި ކަމުގެ ޝަކުވާއެއް ފޯނު މެދުވެރިކޮށް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަންގައި ގާއިމްކޮށްފައިވާ ކޮންޕްލެއިންސް ބިއުރޯގެ ކަންތައްތަކުގައި ސުޕާވައިޒަރަކަށް އަޝްރަފްގެ އަނބިކަބަލުން ހަމަޖައްސައިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަކީ އެޕާޓީ އަށް ގަބޫލު ކުރެވޭ ކަމެއް ކަމުގައި ނުވާތީ ވަކި އަތަކަށް ބުރަ ނުވެ އިންތިހާބްގެ ކަންތައްތައް ކުރިއަށް ގެންގޮސް ދިނުމަށް އެދިފައިވެ އެވެ.
ފުއާދު ވިދާޅުވީ އަޝްރަފްގެ އަނބިކަނބަލުންނަކީ އެކޮމިޝަންގެ ލީގަލް ސެކްޝަންގެ ހެޑަކަށް ހުންނަވާ ބޭފުޅާ ކަމަށާއި ކޮންޕްލެއިން ބިއުރޯގެ އެއްވެސް ކަމެއްގައި އޭނާ ނުހިމެނޭނެ ކަމަށާއި އެ ބިއުރޯ އުފައްދާފައި ވަނީ އިއްޔެ ކަމަށާއި ބިއުރޯގެ ކަންތައްތައް ބައްލަވަމުން ގެންދަވާނީ އެކޮމިޝަންގެ ޑިރެކްޓަރު ހަސަން މުގުނީ ކަމަށެވެ.
"އާއްމުގޮތެއްގައި ލީގަލް ސެކްޝަންގެ ހެޑަކީ ކޮންޕްލެއިން ބިއުރޯގައި ބައިވެރިވާ ބޭފުޅެއް. ނަމަވެސް އަޝްރަފް އެ ދާއިރާ އަށް ކުރިމަތިލައްވާތީ އާއި ހަނީފާގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އެނގިފައި ވަނީ އަޝްރަފްއަކީ ހަނީފާގެ ފިރިކަލުން ކަމަށް، އެހެންވެ އޭނާ ކޮންޕްލެއިންސްގެ އެއްވެސް ކަމެއްގައި ބައިވެރިނުކުރާ ގޮތަށް އޮންނާނީ ހަމަޖެހިފައި،" ފުއާދު ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާ އަށް އަޝްރަފަށް ކެމްޕެއިން ކޮށްދެއްވި ކަމުގެ ޝަކުވާއެއް ލިބުނު ކަމަށާއި އޭރު ފުއާދު ހުންނެވީ ރަށުން ބޭރުގައި ކަމުން އެކަމާ ބެހޭ ގޮތުން ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ ވަކި ގޮތެއް އަދި އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަނުން ބުނީ އުނގޫފާރު ދާއިރާ އާ އެކު އެދުވަހު ބާއްވާ ވ. ކެޔޮދޫގެ ބައި-އިލެކްޝަންގައި މާލޭގައި ވޯޓް ލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 553 މީހުން ކަމަށެވެ. އެ ދެ ދާއިރާގެ މީހުން ވޯޓްލުމަށް ތާޖުއްދީންގައި ދެ ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށާއި ދެ ދާއިރާ އަށް ވެސް ހުންނާނީ ވަކި ދެ ފޮށި ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.