ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ނުވަތަ ފީފާ ބެލަންޑީއޯގެ މަގާމަށް ވާދަ ކުރާ ގަދަ ތިން ކުޅުންތެރިންނަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި އަންދްރޭސް އިނިއެސްޓާ އަދި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އިއުލާނުކޮށްފި އެވެ.

މި ތިން ކުޅުންތެރިން އިއުލާނުކުރީ ދާދި ދެންމެ އަކު ފީފާއިން ބްރެޒިލްގެ ސައުޕޯލޯގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ޖުމުލަ 55 ކުޅުންތެރިންގެ ތެރެއިން ހޮވި މި ތިން ކުޅުންތެރިންގެ ތެރެއިން އާޖެންޓީނާގެ ފޯވަޑް މެސީ އަކީ ފާއިތުވެދިޔަ ތިން އަހަރުގެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާއާއެކު ބާސެލޯނާ އަށް ކުޅެމުން އަންނަ އިނިއެސްޓާ އަކީ މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ސްޕޭން ޓީމުގައި ހިމެނި އެމުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޔޫރޯގައި މޮޅު ކުޅުމެއްދައްކައި ލަލީގާ ހިމެނޭ ގޮތަށް މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ.

މި ތިން ކުޅުންތެރިން އިއުލާނު ކުރުމުގެ ކުރިން ފިފާގެ ރައީސް ސެޕް ބްލެޓާ ބުނީ އޭނާގެ ނަޒަރުގައި މިފަހަރުގެ މޮޅު ކުޅުންތެރިޔާ ވާންޖެހޭނީ ސްޕޭންގެ ކުޅުންތެރިއަކަށް ކަމަށެވެ. މޮޅު ކުޅުންތެރިޔާ ހޮވާނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ފްރާންސްގެ ފުޓްބޯޅަ މެގަޒިނުން ހޮވާ ކުޅިވަރު ނޫސްވެރިންގެ ވޯޓަކުން ކަަމަށެވެ.

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ތިން ކޯޗުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ބާސެލޯނާ އަށް ހުސްވި ސީޒަނުގައި ކޯޗުކޮށްދިން ސްޕޭންގެ ޕެޕް ގާޑިއޯލާ އާއި އެންމެ މޮޅު ކޯޗުގެ މަގާމު އެންމެ ފުރަތަމަ ހޯދި ކޯޗު ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ސްޕޭނަށް ޔޫރޯ ކާމިޔާބުކޮށްދިން ކޮޗު ވިސެންޓޭ ޑެލްބޮސްކޭ އެވެ.

ފީފާ ޕުސްކާސް އެވޯޑަށް ވާދަ ކުރާ ކުޅުންތެރިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މިއީ އަހަރުގެ އެންމެ މޮޅު ގޯލު ޖަހާ ކުޅުންތެރިއަކަށްދޭ އެވޯޑެކެވެ. މި އެވޯޑަށް ވާދަ ކުރަނީ ހުސްވި އަހަރު ވެސް މި އެވޯޑް ހޯދި ބްރެޒިލްގެ ނޭމާ އާއި އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ރަޑެމަލް ފަލްކާއޯ އާއި ތުރުކީގެ ފެނަބާޗޭގެ މިރޮސްލާވް ސްޓޮޖް އެވެ.

މި އެވޯޑްތައް ހާސިލްކުރާ ކުޅުންތެރިން އިއުލާނުކުރާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ފީފާ އެވޯޑް ނައިޓްގަ އެވެ.