29 Nov 2012, 18:25
ފުލުސް އޮފިސަރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ހުކުމް ކުރުމަށް މިއަދު ބާއްވަން އުޅުނު ޝަރީއަތަށް ފުލުހުން އޭނާ ހާޒިރުކޮށް ނުދިނުމުން އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ސަމާހުގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު 10:00 އަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މިއަދު 10:00 އަަށް ސަމާހު ކޯޓަށް ހާޒިރު ކުރުމަށް އަންގާރަ ދުވަހު އެ ކޯޓުން ފުލުހުންނަށް ނޯޓިސް ފޮނުވި ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމަށް ސަމާހު ނުގެނެސްގެން ކޯޓުން ފުލުހުންނަށް ގުޅުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ފުލުހުން އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ސަމާހުގެ މައްޗަށް ހުކުމް ކުރުމަށް އޭނާ ކޯޓަށް ހާޒިރުކޮށް ދެވޭތޯ ގާޒީ އެތަށް ފަހަރު ދެންނެވުމުން ވެސް ފުލުހުން ސަމާހު ކޯޓަށް ހާޒިރުކޮށް ނުދިނުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސަމާހު ބުނެފައި ވަނީ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް އޭނާ ވެެއްދި އިރު އާދަމް ހަލީމް މަރާލި ކަމަށް ޝަރީއަތުގައި އިއުތިރާފުވުމަށް ފުލުހުން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށާއި ތަހުގީގު ބަޔާނުގައި އޭނާ ކުށަށް އިއުތިރާފުވީ ވެސް ފުލުހުން އަނިޔާ ކުރުމުން ކަމަށެވެ.
ސަމާހު އެހެން ބުނުމުން ގާޒީ ވަނީ އެ ވާހަކަތައް ޝަރީއަތަށް ސާބިތުކޮށްދެވިދާނެތޯ އޭނާ ކުރެން އައްސަވައިފަ އެވެ. އޭގެ ޖަވާބުގައި ސަމާހު އެދުވަހު ބުނީ ފުލުހުން އޭނާ އަށް އަނިޔާ ކުރި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވެން ނެތްކަމަށެވެ.
ފުލުހުންގެ ހައްޔަރުގައި ހުންނައިރު ފުލުހުން އޭނާ އަށް އަނިޔާ ކުރާ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު ސަމާހު އެ ދުވަހު ބުނީ އެ އަނިޔާތަކަށް ވުރެ އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން އޭނާ މަރާލިއަސް މާރަނގަޅު ކަމަށެވެ.
ގާޒީ އެދުވަހު ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި، އެ ދުވަހު ޝަރީއަތުގައި ވާހަކަދެއްކީ ހެޔޮ ހާލުގައި ހުރެގެންތޯ އެއްސެވުމުން އޭނާ ހުރީ ބުއްދި ސަލާމަތުން ކަމަށް އެދުވަހު ސަމާހު ބުނި ކަމަށެވެ.
ފުލުހުން އަނިޔާ ކުރާ ކަމަށް ތަކުރާރުކޮށް ސަމާހު ބުނުމުން ގާޒީ އެދުވަހު ވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ސަމާހަށް ވެސް ލިބިގެންވާ ކަން އޭނާ އަށް އަންގައިފަ އެވެ. ގާޒީ އެގޮތަށް އެންގެވުމުން އޭނާ ބުނީ އެ މައްސަލަ ކަމާ ބެހޭ މުއައްސަސާ އަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ.
ފުލުހުންގެ ހައްޔަރުގައި ހުންނަ އިރު އެހެން މީހުންނާ ބައްދަލުވޭތޯ ގާޒީ އެއްސެވުމުން އެކަމަށް އެއްބަސްވުމަށް ފަހު ސަމާހު އެދުވަހު ބުނީ މީހުންނާ ބައްދަލުވި ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ.
ސަމާހުގެ ވާހަކަތަކާ ގުޅިގެން ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އެދުވަހު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކުރައްވައި މައްސަލަ ނިންމަވައި ދެއްވުމަށް ދައުލަތުން އެދޭ ކަމަށެވެ.
އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އާދަމް ހަލީމްގެ ވާރިސުންގެ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ.
ގާޒީ ވިދާޅުވީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ތިން ވާރިސަކު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދިން ބަޔާނުގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވެެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށް ބުނެފައިވާ ކަމަށެވެ. އާދަމް ހަލީމްގެ ހަތަރު ވަނަ ވާރިސަކީ އޭނާގެ ތުއްތު ދަރިފުޅެވެ.
ވާރިސުންގެ ބަޔާނާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުމުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެދުވަހު ސަމާހު ދައްކާފައި ނުވެ އެވެ. ހަމައެކަނި ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.
އާދަމް ހަލީމް ގަޔަށް ވަޅި ހަރައި މަރާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީ އަށް އޭނާ ދިޔަ މަގުމަތީގަ އެވެ. އަދި އާދަމް ހަލީމްގެ ގަޔަށް ވަޅި ހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ސާމާހުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށާފައި ވަނީ ޖުލައި 31 ވަނަ ދުވަހު އެވެ.
އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ސަމާހު ވަނީ އާދަމް ހަލީމް މަރާލިކަމަށް އެއްބަސްވެ ދައުލަތުން އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފުވެފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވެ އާދަމް ހަލީމްގެ ވާރުތަވެރިންގެ ކިބައިން މައާފަށް އެެދެން ބޭނުންވާކަމަށް ވެސް އެދުވަހު ސަމާހު ބުނެފައިވެ އެވެ.