އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތުމަކީ އެއީ ކުށުގެ ވެށިން މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ކަނޑައެޅުން ނޫންކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ ގާނޫނުއަސާސީއާ ފުލުހުންގެ ގާނޫނާއި އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް އޮތުމަކީ އެއީ އެއްވެސް ހާލެއްގައި މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ކަނޑައެޅުން ނޫންކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ މަގުސަދަކީ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި ބައިވެރި ނުވެވޭ ގޮތަށް މެންބަރުން ހައްޔަރު ނުކުރެވުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ މަޖިލީހުގެ ގަވާއިދަށް ރިއާޔަތް ކުރައްވައި އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް ނުފެންނަ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމި އިރު ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމުގެ އިހުތިމާލު އޭރު އޮތް ކަމަށެވެ. ނަމަވެސް އެ އިހުތިމާލު މިހާރު ނެތުމުން އެ ދެ ބޭފުޅުން އިތުރަށް ހައްޔަރު ކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އަދި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭރު ނެރުނު އަމުރު ހައިކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.

ކުރީގެ ސަބަބުތައް ފިޔަވައި އެ ދެ ބޭފުޅުން ހައްޔަރު ކުރާނެ އިތުރު ސަބަބެއް އޮތްކަމަށް ފުލުހުންނަށް ފެނިއްޖެ ނަމަ އެ ދެ ބޭފުޅުން ހައްޔަރު ކުރުމުގެ އަމުރަކަށް ކަމާބެހޭ ކޯޓެއްގައި އެދުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ.