22 Sep 2010, 08:28
ސަންއެފްއެމުން ރޯދަ މަހު ގެނެސްދިން ދީނީ ކުއިޒް މުބާރާތުން އެއް ވަނަ ހޯދި ފަރާތަށް އުމްރާ ދަތުރުގެ ޓިކެޓް މިއަދު ހަވާލުކޮށްފި އެވެ.
ރޯދަ މަހުގެ 29 ދުވަހު، ދުވާލަކު ތިން ސުވާލުގެ މަގުން 87 ސުވާލު ފޮނުވުމުން، ތ. ގުރައިދޫ، ޗާންދަނީގޭ އުމުރުން 32 އަހަރުގެ އަޒުމް އަހްމަދު ދީދީ އެއް ވަނަ ހޯދައިފައި ވަނީ 25 ދުވަހުގެ 75 ސުވާލު ރަނގަޅުކޮށްގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ 22 ދުވަހު ތިން ސުވާލު ރަނގަޅުކުރި ފަރާތެކެވެ.
ސަންއެފްއެމް ކޮންފަރެންސް ހޯލްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި، އަލްޚައިރު ގުރޫޕުން ދޭ އުމްރާ ދަތުރު އަޒުމާ ހަވާލުކޮށްދެއްވީ އަލްބަޓްރޮސް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލެވެ.
ސަންއެފްއެމުން ރޯދަ މަހު ގެނެސްދިން ދީނީ ކުއިޒް މުބާރާތުގެ ޖަވާބުތައް ކޮންމެ ދުވަހަކު ދިމާކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް އަލްބަޓްރޮސްގެ ފަރާތުން ވަނީ ޑިޖިޓަލް ގުރުއާނެއް ހަދިޔާކޮށްފަ އެވެ.
ސަންއެފްއެމް ދީނީ ކުއިޒް މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި އަލްޚައިރު އުމްރާ ގުރޫޕާއި އަލްބަޓްރޮސް އިންޓަނޭޝަނަލްގެ ވެރިޔާ ނާސްތާ ވަހީދު ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ސަން އެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން ޝުކުރު އަދާކުރި އެވެ.
ދީނީ ކުއިޒް މުބާރާތުން އެއްވަނަ ހޯދައިގެން އުމްރާ ދަތުރު ލިބުމުން އުފާކުރަމުންދާ ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަޒުމް ބުނެފައި ވަނީ ކާމިޔާބުކުރުމުގެ އަޒުމުގައި ބައިވެރިވެއްޖެ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ.