29 Nov 2012, 17:23
އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ ދޫކޮށްފައިވާ ހުއްދަ، "އެއިރޯޑް ރޮމް ސެޓްފިކެޓް"ވެސް ބާތިލު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އިން ނިންމައިފި އެވެ.
އެ ސެޓްފިކެޓް ޓްރާސްޕޯޓް އޮތޯރިޓީން ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ 2010 ނޮވެމްބަރު 25 ވަނަ ދުވަހު އެއާޕޯޓް ހަވާލުކުރުމަށް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލު މިއަދު ވިދާޅުވީ އެއާޕޯޓް ހިންގުމަށް ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ހަތް ދުވަހުގެ ނޯޓިސްއެއް އެ ކުންފުންޏަށް ދީފައިވާތީ އެ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ 7 ޑިސެމްބަރު 2012ގެ 11:59ގައި "އެއިރޯޑް ރޮމް ސެޓްފިކެޓް"ގެ މުއްދަތު ހަމަވާނެ ކަމަށް އެ ކުންފުންޏަށް ސިޓީއަކުން މިއަދު އަންގާފައިވާނެ ކަމަށެވެ.
އެ ސެޓްފިކެޓް ނެތި އެއާޕޯޓް އޮޕަރޭޓެއް ނުކުރެވޭނެ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.
އެއާޕޯޓް ހިންގުމުގެ ސެޓްފިކެޓް ވެސް ބާތިލް ކުރަން ނިންމި އިރު ޖީއެމްއާރުގެ ސްޓާފުންނަށް ދީފައިވާ ވޯކްޕާމިޓްތަކާއި ވިސާތައް ވެސް ބާތިލް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޖީއެމްއާރަށް އިތުރު ވިސާތައް ދޫނުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އެގްރިމަންޓް ބާތިލު ކުރުމަށް ފަހު އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރަން ޖީއެމްއާރަށް ދީފައި ވަނީ ހަތް ދުވަހުގެ ނޯޓިސްއެކެވެ. އެ ގޮތުން ތަކެތި ގެންދަން 30 ދުވަސް ދީފައިވާ އިރު ޖީއެމްއާރުން ބުނެފައި ވަނީ އެ ނޯޓިސްއަކީ އެގްރިމަންޓާ އެއްގޮތަށް ދީފައިވާ ނޯޓިސްއެއް ނޫން ކަމަށާއި ނޯސްޓިސްއާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމަށެވެ.