29 Nov 2012, 16:58
ސ. ފޭދޫގައި 11 އަހަރުގެ ކުއްޖާ ވިހެއި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު ފޭދޫގައި އުމުރުން 11 އަހަރުގެ ކުޑަކުއްޖާ ވިހެއި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާ ދިރިއުޅެމުން އައި ގޭގައި އުޅޭ މީހެއް ކަމަށްވާ ފޭދޫ، ކޯޒީކޯނާ އާދަމް ސައީދު 45، އަދި ކުއްޖާ ދިރިއުޅޭ ގެއަށް އާއިލީ ރަހުމެތްތެރިކަމުގައި ކޮންމެ ރެއަކު ވެސް ގޮސް ހަދާ މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދު 37، އެވެ.
އަދި އެ ކުއްޖާ ދުވަސްނުފުރާ ހަތް މަހުގައި ވިހެއި ތުއްތު ކުއްޖާގެ ޑީއެންއޭއާ ޖާވިދުގެ ޑީއެންއޭ ދިމާވާ ކަމަށް ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ އެކްޓިން ހެޑް ހަސަން ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ޖާވިދު އެ ކުއްޖާއަށް އެކި ދުވަސްމަތިން އެކި ވަގުތުތަކުގައި ޖިންސީގޯނާ ކުރަން ފަށާފައި ވަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ކަމަށެވެ. ނަމަވެސް އެ ކުއްޖާ ވިހޭ ކުއްޖަކީ އޭނަގެ ދަރިއެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ އަދި 11 އަހަރުގެ އަންހެން ކުއްޖާ ދިރިއުޅޭ ގޭގެ ހުރިހާ ފިރިހެނުންގެ ޑީއެންއޭ ސާމްޕަލް ނެގިފައިވޭ. އަދި މައްސަލައިގައި ނެގިފައިވާ ޑީއެންއޭ ސާމްޕަލްތައް ތަހުލީލު ކުރިކުރުމުން ވިހާފައިވާ ކުޑަކުއްޖާއާ މައްސަލައިގަ ތުހުމަތު ކުރާ މަރަދޫ ފޭދޫ، ގުލްފާމުގޭ މުހައްމަދު ޖާވިދުގެ ޑީއެންއޭއާ ވަނީ ދިމާވެފައި،" ޝިފާން ވިދާޅުވި އެވެ.
އަންހެން ކުއްޖާ ވިހެއި ތުއްތު އަންހެން ކުއްޖާ މަރުވެފައި ވަނީ ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ ދެވަނަ ދުވަގެ ފަތިހު 3:30 ހާއިރު އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑަށް ތަދުވާން ފެށުމުންނެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި މިމަހުގެ އަށް ވަނަދުވަހު ހައްޔަރު ކުރި އާދަމް ސައީދަކީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތަފާތު މައްސަލަތަކާއި މަކަރާހީލަތް ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި މި މަހުގެ ދެ ވަނަ ދުވަހު ހައްޔަރު ކުރި ޖާވިދަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައަކާއި ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
އެ މައްސަލައާ ގުޅިގެން ކުއްޖާއާ ސުވާލުކޮށް ބެލިއިރު އެކުއްޖާ އަށް ޖިންސީގޯނާ ކުރާ ވާހަކަ އެއްވެސް މީހެއްގެ ގާތު ދައްކާފައިނުވާ ކަމަށް ކުއްޖާ ބުނެފައިވާ ކަމަށެވެ. އަދި އަބަދުވެސް މަޑުން ހުންނަ އެ ކުއްޖާގެ ހަށިގަނޑު ހުންނަ ގޮތުން ކުއްޖާ ބަނޑުބޮޑުކަން ވިހެއުމާ ހަމައަށް ވެސް އެއްވެސް މީހަކަށް އެނގިފައިނުވާ ކަމަށް ތަހުގީގުގައި ސުވާލު ކުރި ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާއާ މައިންބަފައިންނާ އޮންނަ ގުޅުން ވީހާވެސް ބޮޑަށް ބޭއްވުމަށާއި އެފަދަ ވާހަކަތައް ދެއްކޭ ވަރަށް ކުއްޖާއާ ގުޅުން ބޭއްވުމަށް ޝިފާން ވަނީ އިލްތިމާސްކޮށްފަ އެވެ.