ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޒަން ފިރިހެން ޑަބަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ރޭ ހުސައިން ނިޝާމް އަދި މުހައްމަދު އާމިރުގެ ޕެއާ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޝާފީ މުހައްމަދު އަދި އަހްމަދު ހާމިދުގެ ޕެއާ ހޯދައިފި އެވެ.

ތޭވީސް ވަނަ ގައުމީ ކެރަމް މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗްގައި އަހްމަދު ޖަލާލު އާއި އަބްދުﷲ ޝަބީންގެ ޕެއާ ބަލިކޮށް ފައިނަލްގެ ދެ ވަނަ ޖާގަ ހޯދީ މުހައްމަދު ފަރީމާއި މުހައްމަދު އަބްދުލް ސަމަދު އެވެ.

ޕްރިމިއާ ޑިވިޒަން އަންހެން ޑަބަލްސް ފައިނަލުގެ ދެޖާގަ ކަށަވަރު ކުރީ އާމިނަތު ވިޝާމާ އަދި އައިޝަތު ޝަޒުނާގެ ޕެއާ އާއި އަފީފުއްނިސާ އަދި ފައިނާޒްގެ ޕެއާ އެވެ. އެ މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލަށް ހޮވިފައި ވަނީ ހުސައިން ނިޝާމް އަދި އާމިނަތު ވިޝާމާގެ ޕެއާ އާއި ހަސަން ނާޒިމާއި އައިޝަތު ފައިނާޒުގެ ޕެއާ އެވެ.

ޕްރިމިއާ ޑިވިޒަންގެ ފިރިހެން ޓީމް އިވެންޓުގެ ފަނަލުން ޖާގަ ހޯދީ ދިވެހި ސިފައިންގެ ކުލަބާއި ސްޕޯޓްސް ކުލަބް ފީނިކްސް އެވެ. އަދި އަންހެން ޓީމް އިވެންޓުގެ ފައިނަލުން ޖާގަހޯދީ އެސްޓީއޯ އާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ.

ދިހަ ޓީމަކާ އެކު އިންޑިވިޖުއަލް އިވެންޓްތަކުގައި 98 ކުޅުންތެރިއަކު ބައިވެރި ވެގެން މި މަހުގެ 25 އިން އަންނަ މަހުގެ ދޭކަށް ކުރިއަށް ގެންދާ މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމުގައިވާ ސިންގަލްސް އިވެންޓުގެ ކުޅުންވެސް ރޭގައި ވަނީ ފަށައިފަ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ ޕްރިމިއާ ޑިވިޒަން ސިންގަލްސް ފައިނަލް މެޗް ޓީވީއެމް އިން ވަގުތުން ދުރަށް ދަށްކާނެ ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން ބުންޏެވެ.