އދ. މަޖިލިސް (ނޮވެމްބަރ 29): އދ.ގައި ފަލަސްތީނު ތަމްސީލު ކުރާ ދަރަޖަ މަތިކުރުމަށް ޓަކައި ޖެނެރަލް އެސެމްބްލީގައި މއަދު ވޯޓު ނަގާނެ ކަމަށް އދ.ގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެފި އެވެ.

މިދާއިރާތައް ބުނާ ގޮތުން ފަލަސްތީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޕީއެލްއޯ ޖަމާއަތަށް ދީފައިވާ އދ.ގެ އޮބްޒާވަރުކަމުގެ މަގާމު ޕީއެލްއޯގެ ބަދަލުގައި ފަލަސްތީނުން އިޢުލާންކޮށްފައިވާ މިނިވަން ދައުލަތަށް އދ.ގެ އޮބްޒާވަރުކަން ދިނުމުގެ ވޯޓެވެ. މިވޯޓު ފަލަސްތީނަށް ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނަކީ އދ.ގެ މެންބަރަކަށްނުވާ ނަމަވެސް ދައުލަތެއްގެ ހައިސިއްޔަތު ލިބިފައިވާ ޤައުމަކަށް ބަދަލުވެގެންދާނެ އެވެ. މިކަމުގެ ސަބަބުން މުސްތަޤްބަލްގައި އދ. ފުރިހަމަ މެންބަރަކަށް ވުމުގެ މަގު ފަލަސްތީނުގެ ދައުލަތަށް މިހާރަށްވުރެ ބޮޑަށް ފަހިވެގެންދާނެ އެވެ. އަދި އދ.ގައި ހިމެނޭ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރަކަށް ވުމުގެ ފުރްސަތު ވެސް ތަނަވަސްވެގެންދާނެ އެވެ.

އދ.ގައި ހުންނަ ފަލަސްތީނުގެ މިޝަނުން ބުނާ ގޮތުން މިވޯޓަށްތާއީދު ކުރާނެކަން އދ.ގައި ހިމެނޭ 194 ގައުމުގެ ތެރޭން 140 ގައުމުން ވަނީ ފަލަސްތީނަށް ކަށަވަރުކޮށްދީފަ އެވެ. މީގެތެރޭގައި ޔޫރަޕްގެ 26 ގައުމެއް ވެސް ހިމެނޭ ކަމަށް ޚަބަރުލިބެ އެވެ. ކުރިން ޔޫރަޕްގެ ގައުމުތަކަކީ ފަލަސްތީނުގެ މިނިވަން ދައުލަތަށް ތާއީދުކޮށް ވޯޓުދޭ ގައުމުތަކެއް ނޫނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ފަލަސްތީނަށް ތާއީދުކޮށް ވޯޓުދޭނެކަން ހާމަކޮށްފައިވާ އިރު އިނގިރޭސިވިލާތުން ވަނީ މިކަމަށް ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުކުރެވިފައިވާ އިސްރާއީލުގެ އިސްވެރިންގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ފަލަސްތީނުން ނުގެންދިޔުމެވެ. އިނގިރޭސީންގެ މިޝަރުތަށް ފަލަސްތީނުން ވަނީ ދެކޮޅު ހަދާފަ އެވެ. މިވޯޓަށް ތާއީދުނުކުރާނެކަން ފާޅުކަން ބޮޑު ގޮތެއްގައި އިޢްލާން ކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭން ޖަރުމަނުވިލާތް އެކަންޏެވެ. (އަލްޖަޒީރާ)