29 Nov 2012, 16:18
ނ.މަނަދޫގައި ސިޓީ ހޮޓާ އަޅާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުގެ ހުއްދަ ސަރުކާރުން ނުދީގެން ކަމަށް ބުނެ އެރަށު ޒުވާނުން ނިކުމެ މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
އެރަށު ކައުންސިލުން ބުނީ ޒުވާނުންގެ ތެރެއިން 50އަށް ވުރެ ގިނަ މީހުން މިހާރުވެސް ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އޮފީސް ތެރެއަށްވެސް ވަދެ އެ މީހުންގެ ޑިމާންޑްތައް ވެރިންނާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ މަނަދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި އެމްޑީޕީގެ މެމްބަރު އަބްދުލްލަތީފް ސަން އަށް މިއަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި އެކަމުގެ ހުއްދައަކަށް އެދުމުން ފުރިހަމަ ކުރަން ބުނި ކަންތައްތައް ފުރިހަމަ ކުރިތާ އެތަށް ދުވަހެއް ވީއިރު މިހާތަނަށްވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ފޮނުވަން އެންގި ލިޔެކިޔުންތަކާއި އެހެނިހެން މައުލޫމާތު ވެސް މިނިސްޓްރީ އަށް ފޮނުވި ފަހުން އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިސްޓަރާ ބައްދަލު ކުރުމުން ސިޓީ ހޮޓާ އަޅާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމަށް އަނގަބަހުން ވިދާޅުވި ކަމަށާއި، ނަމަވެސް ރަސްމީ ލިޔުމަކުން ހުއްދަ ލިބިގެން ނޫނީ އެކަން ކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ގާތު ފުރިހަމަކުރަން ބުނި ކަންތަށް ފުރިހަމަ ކުރިފަހުން އެތަށް ދުވަހެއް ވެއްޖެ. އެކަމަކު މިއަދާއި ހަމައަށްވެސް އެދެވޭ ޖަވާބެއް ނުދެއްވައި. މިނިސްޓަރު ވިދާޅުވި އިއުލާނު ކުރާށޭ މައްސަލައެއް ނެތޭ. އެކަމަކު އެގޮތަކަށް އެކަމެއް ނުވާނެ. ރަސްމީ ލިޔުމެއް ދެއްވަން ޖެހޭނީ،" ލަތީފް ވިދާޅުވި އެވެ.
އެކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ސަން އަށް މިއަދު ވިދާޅުވީ މަނަދޫގައި މުޒާހަރާކުރާ އަޑު އެއްސެވިން ކަމަށާއި، ނަމަވެސް އެކަމަކީ ވަގުތުން ވަގުތަށް ހަމަޖައްސާ ދެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ކެބިނެޓުން އެކަމަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގައުމުގެ ހާލަތު އޮތް ގޮތުން އެއަށްވުރެ ބޮޑެތި ކަންތަށްތަށް ހަމަޖައްސަން ޖެހިފައިވާތީ ލަސްވަނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަން ނުކޮށްދޭކަށްނޫން. އެކަން ކުރުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. ކެބިނެޓާއި ވެސް މަޝްވަރާ ކުރަންޖެހޭ. ސަރުކާރުން އެކަން ކޮށްދޭނެ. ނަމަވެސް ގައުމު އޮތް ހާލަތު ވިސްނަވާ. އެއަށްވުރެ މާބޮޑެތި ކަންތައްތަކުގައި އަވަދި ނެތި އެންމެން މި އުޅެނީ. އެހެންވީމައި ލަސްވަނީ،" އަދީބް ވިދާޅުވި އެވެ.
އަށާރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި މިހާރު ކުރަމުންދާ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށާއި، ނަމަވެސް ސަރުކާރުން ޒިންމާދާރު ޖަވާބެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އެ މުޒާހަރާގެ ބައިވެރިން ބުނަމުންދާ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.