29 Nov 2012, 16:08
އެއާޕޯޓްގައި ޖީއެމްއާރުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕްނީ (އެމްއޭސީއެލް)ގައި މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުން ނަން ނޯޓުކުރަން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެއާޕޯޓްގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން އެމްއޭސީއެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މުވައްޒިފަކަށް ވެސް އެބައޮތް ކަމަށާއި އެކަމަށް ބޭނުންވާ މީހުން އެކަމަށް ހާއްސަ ކުރެވިފައިވާ ހެލެޕް ޑެކްސްކުން ފޯމު ފުރައި ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
އަދި އެގޮތަށް އެމްއޭސީއެލް އަށް ބަދަލުވާ އެއްވެސް މުވައްޒިފެއްގެ މަގާމު ވެސް އަދި މުސާރަ ވެސް ކުޑަނުވާނެ ކަމަށާއި ތައުލީމާއި ހުނަރު އިތުރުކުރުމުގެ ފުރުސަތުތައް ވެސް މިހާރެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ މަތީ ތައުލީމު ހާސިލްކުރުމަށް ޖީއެމްއާރުން މީހާރު ބޭރަށް ފޮނުވާފައިވާ ތިބި ކުދިންނަށް ވެސް ކޯސްއެއްކޮށް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށެވެ.
ސަރުކާރުން 2010 ވަނަ އަހަރު ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓް ބާތިލް ކުރުމަށް މިދިޔަ ބުދަ ދުވަހު ނިންމުމަށް ފަހު އެ ކުންފުންޏަށް ވަނީ އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރަން ހަތް ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ. އަދި ތަކެތި ގެންދަން ވަނީ 30 ދުވަސް ދީފަ އެވެ. ނަމަވެސް ޖީއެމްއާރުން ބުނެފައި ވަނީ އެ ނޯޓިސްއަކީ އެގްރިމަންޓާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްއާ އެއްގޮތަށް އަމަލުނުކުރާނެ ކަމަށެވެ.