Last Updated: 1 decade 3 year ago
ސުޕްރީމް ކޯޓުން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އެކޯޓުގެ ފަނޑިޔާރުން ރިސެސް އަށް ދިއުމަށް ހަމަޖައްސައިފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ފަހު ދުވަސް ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި އޮތް ނަމަވެސް މި އަހަރު އެކޯޓުގެ ފަނޑިޔާރުން ރިސެސް އަށް ދިއުމަށް ހަމަޖައްސައިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ގަ އެވެ.
އެކޯޓުން ބުނީ މިހާރު ވެސް ހަމަޖައްސައިފައިވާ ގޮތަށް ސުޕްރީމް ކޯޓުގެ މަސައްކަތް 10 ޑިސެމްބަރު 2012 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު އެވެ. އަދި މެދު ކެނޑުމެއް ނެތި ހިނގުމަށް ފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ.
ސުޕްރީމް ކޯޓު އަންނަ ޑިސެންބަރު މަހުގެ 10ގައި ރިސެސް އަށް ދިއުމަށް ހަމަޖައްސައިފައިވާ އިރު ހައިކޯޓުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް އޮންނާނީ ރިސެސްގަ އެވެ. ނަމަވެސް އެ މުއްސަތުގެ ތެރޭގައި ވެސް އެކޯޓަށް މައްސަލަތައް ބަލައިގެންނާނެ ކަމަށެވެ.
ކްރިމިނަލް ކޯޓު ރިސެސް އަށް ދިއުމަށް ހަމަޖައްސައިފައި ވަނީ އަންނަ ޑިސެންބަރު މަހުން ފެށިގެން 15 ޑިސެންބަރުގެ ނިޔަލަށެވެ. އެމުއްދަތުގެ ތެރޭގައި އެކޯޓުގައި އާއްމުކޮށް ބަލަންޖެހޭ މައްސަލަތަކެއް ނުބަލާނެ އެވެ.
ކޯޓުތައް ރިސެސްގައި އޮތް ނަމަވެސް އެކޯޓުތަކުގައި ބަލަންޖެހޭ ކުއްލި މައްސަލަތަކާއި ކޮންމެހެން ނެރެން ޖެހޭ ވަގުތީ އަމުރުތައް އެކޯޓުތަކުން ނެރޭނެ ކަމަށާއި ކޯޓުތަކުގެ އިދާރީ މަަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް ކޯޓުތަކުން ވަނީ ބުނެފަ އެވެ.