29 Nov 2012, 15:25
ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމަށް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އާ އެކު އެ ކުންފުނިން ކޮށްފައިވާ އެގްރިމަންޓް އުވާލި މައްސަލަ ސިންގަޕޫރުގެ ކޯޓުތަކަށް ހުށަހަޅަން ސަރުކާރުންނާއި ޖީއެމްއާރުންވެސް ތައްޔާރުވެއްޖެ އެވެ.
ސަން އޮންލައިންއާ ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކުވެސް މިއަދު ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން 2010 ވަނަ އަހަރުގެ ތެރޭގައި ކޮށްފައިވާ އެގްރިމަންޓް ބާތިލްކޮށްފައިވާތީ އެކަން ކަނޑައަޅަން އެ މައްސަލަ މިއަދު ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށެވެ. އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިންވެސް އެ މައްސަލަ މިއަދު އާބިޓްރޭޝަނަށް ހުށަހަޅާނެކަން ސަން އޮންލައިންއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެ މައްސަލަ ހުށަހަޅާނީ ސަރުކާރާއި އެމްއޭސީއެލް ގުޅިގެން ދެ ޕާޓީން ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް އެގްރިމަންޓް އުވާލިކަން އިއުލާންކުރެއްވި ދުވަހު ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުވެސް ވިދާޅުވެފައިވަނީ އެގްރިމަންޓް އުވާލި މައްސަލަ އާބިޓްރޭޝަނަށް ވައްދަން ދިވެހި ސަރުކާރުން އިސްނަގަން ނިންމާފައިވާ ކަމަށެވެ.
ޖީއެމްއާރުގެ އިސް އޮފިޝަލަކުވެސް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެގްރިމަންޓް ދިފާއުކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް އެ ކުންފުނީގެ ލޯޔަރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ސިންގަޕޫރުގެ ކޯޓަކަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު އެގްރިމަންޓް އުވާލުމަށް ފަހު ސަރުކާރުން އެ ކުންފުންޏަށް ވަނީ ހަތްދުވަހުގެ ނޯޓިސްއެއް ދީފަ އެވެ. އަދި ތަކެތި ގެންދިޔުމަށް 30 ދުވަސް ވަނީ ދީފަ އެވެ. ނަމަވެސް ޖީއެމްއާރުން ބުނެފައިވަނީ އެއީ އެގްރިމަންޓާ ހިލާފަށް ފޮނުވި ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްއަށް އަމަލުނުކުރާނެ ކަމަށެވެ.